ހޮލީވުޑް

ގޭމް އޮފް ތްރޯންސްގެ ފައިނަލް ސީޒަން އޭޕްރީލް 14 ގައި

މަގްބޫލު ސީރީޒް ގޭމް އޮފް ތްރޯންސްގެ ފައިނަލް ސީޒަން އޭޕްރިލް 14 ގައި ފަށާނެ ކަމަށް އިއުލާން ކޮށްފި އެވެ.

އެޗްބީއޯ އިން، ރޭ ގޭމް އޮފް ތްރޯންސް ފަށާ ތާރީހު އިއުލާން ކުރީ އޭގެ ޓީޒާއާ ވެސް އެކުއެވެ.

މިދިޔަ އަހަރު ނިމެނިކޮށް އެޗްބީއޯ އިން އެ ސީރީޒް ގެ ފަހު ސީޒަން ހަ އެޕިސޯޑުގެ މައްޗަށް މި އަހަރު އޭޕްރިލްގައި ފަށާނެ ކަން ވަނީ ހާމަކޮށްފައެވެ. ނަމަވެސް އޭރު ތާރީހު އިއުލާންކޮށްފައެއް ނުވެއެވެެ. މި އަހަރު ބޭއްވުނު ގޯލްޑަން ގްލޯބްސް ގައި އެޗްބީއޯގެ ޗީފް ރިޗާޑް ޕްލެޕްލާ ބުނި ގޮތުގައި ކުރިއަށް އޮތް ގޭމް އޮފް ތްރޯންސްގެ ސީޒަން ވާނީ ހަ އެޕިސޯޑު ބެލުމުގެ ބަދަލުގައި ހަ ފިލްމު ބެލުން ކަމަށް ބުނެފައެވެ.

ގޭމް އޮފް ތްރޯންސްގެ ވާހަކަ ލިޔުންތެރިޔާ ޖޯރޖު އާރު އާރު މާޓިން މިހާރު އަންނަނީ އެޗްބީއޯއާ އެކު އެހެން ސީރީޒް އެއް ފެށުމުގެ މަސައްކަތްވެސް ކުރަމުންނެވެ. "ލޯންގް ނައިޓް" ނަމަކަށް ކިޔާ މި ސީރީޒް އަށް ކާސްޓުންވެސް މިހާރު ހޮވާފައި ވާއިރު ސީރީޒް ޑައިރެކްޓް ކުރާނީ އެސް ޖޭ ކްލާކްސެން އެވެ.