މިނިސްޓްރީ އޮފް ހެލްތް

ޕްރީމެޑިސިންގ ކޯސްތައް ގަބޫލުކުރުން ރާއްޖެއިން ހުއްޓާލައިފި

ޑޮކްޓަރު ކަމުގެ ކޯހަށް ޝަރުތު ހަމަ ކުރުމަށްޓަކައި ހަދާ ޕްރީ މެޑިސިންގެ ކޯސްތަކާއި ސެޓްފިކެޓްތައް ގަބޫލުކުރުން މިއަދުން ފެށިގެން ހުއްޓާލަން މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ނިންމައިފި އެވެ.

އެމްބީބީއެސް އަދި ބީޑީއެސް ހެދުމަށް ބޭނުންވާ ސެޓްފިކެޓްތައް މިއަދުން ފެށިގެން ބަލައިގަތުން ހުއްޓާލިކަން އަންގައި، ހެލްތް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ޕްރީމެޑިސިން ކޯހަކީ ޖީސީއީ އޭލެވެލްގެ ބަދަލުގައި ހަދަމުން އަންނަ އެއް އަހަރު ދުވަހުގެ ކޯހެއް ކަމަށާއި އެފަދަ ކޯސްތައް ބައެއް ގައުމުތަކުގައި ފަރުމާކުރެވިފައިވާ ގޮތުން ދަރިވަރުންގެ ތައުލީމީ ފެންވަރު ދަށްވާކަން ފާހަގަކުރެވޭ ކަމަށެވެ.

އަދި އެއް އަހަރު ދުވަހުގެ ޕްރީ މެޑިސިންގ ކޯހަކީ ދުނިޔޭގެ ގިނަ މެޑިކަލް ކައުންސިލްތަކުން ތަރުހީބު ދޭ ޕްރޮގްރާމްއެއް ނޫން ކަމަށް ވެސް ހެލްތު މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

ހެލްތު މިނިސްޓްރީން ބުނީ ޕްރީމެޑިސިންގ ކޯސްތައް އެއް އަހަރު ދުވަހުގެ ޕްރޮގްރާމްތަކުގެ ނަމުގައި ހަ މަސްދުވަހު ވެސް ހިންގާކަމަށެވެ.

މީގެއިތުރުން ފާއިތުވި އަހަރުތަކުގައި ދިވެހި ދަރިވަރުންނަށް އަމާޒުކޮށްގެން ބޭރުގައި ކުރިއަށް ގެންދިޔަ ޕްރީ މެޑިސިން ކޯސްތަކުގެ ސަބަބުން ދަރިވަރުންނަށް ނަފްސާނީ ގޮތުންނާއި މާލީގޮތުން ގެއްލުން ލިބިފައިވާ ކަމުގެ ޝަކުވާ ލިބިފައިވާކަމަށް އެ ބަޔާނުގައި ބުނެއެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އެއް އަހަރުގެ ޕްރީ މެޑިސިން ކޯހެއް ނިންމި ނަމަވެސް، ޑޮކްޓަރު ކަމުގެ ނުވަތަ ޑެންޓިސްޓް ކަމުގެ ކޯހަށް ވަނުމުގެ ޝަރުތު ފުރިހަމަވެފައިވާކަމަށް ގަބޫލު ނުކުރާކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

އަދި ޕްރީ މެޑިސިން ނިންމުމަށް ފަހު މިހާރު ޑޮކްޓަރުކަން ނުވަތަ ޑެންޓިސްޓްކަން ކިޔަވަމުން އަންނަ ފަރާތްތަކާއި ޕްރީ މެޑިސިން ނިންމުމަށް ފަހު، މެޑިކަލް ނުވަތަ ޑެންޓަލް ކޮލެޖަކުން މިހާރު ޖާގަ ހޯދައިފައިވާ ފަރާތްތައް އެ އުސޫލުން އިސްތިސްނާ ވާނެ ކަމަށް އެ ބަޔާނުގައި ވެއެވެ.

ބަޔާނުގައި ބުނެފައިވަނީ ޕްރީ މެޑިސިން ސެޓްފިކެޓްތައް ބަލައިގަތުން ހުއްޓާލި ނަމަވެސް ބައެއް ފަރާތްތައް އެ އުސޫލުން އިސްތިސްނާ ވާނެ ކަމަށާއި އެގޮތުން މިހާރު ޕްރީ މެޑިސިން ހަދަމުން އަންނަ ފަރާތްތަކާއި މިއަހަރުގެ ޕްރީ މެޑިސިން ޕްރޮގްރާމަކުން ޖާގަ ލިބި، ފައިސާ ދައްކާފައިވާ ފަރާތްތައް ވެސް އެ އުސޫލުން އިސްތިސްނާވާނެ ކަމަށެވެ.