ދުނިޔެ

ޖޯ ބައިޑަން ލައިވް ޓީވީ ކުރިމަތީ ކޮވިޑް ވެކްސިން ޖައްސަވައިފި

މުހައްމަދު އައުޒަމް

އެމެރިކާގެ އިންތިހާބީ ރައީސް ޖޯ ބައިޑަން ލައިވް ޓީވީ ކުރިމަތީ ކޮވިޑް ވެކްސިން ޖައްސަވައިފިއެވެ.

ކޮވިޑް ވެކްސިނަކީ ބޭނުންކުރުމަށް ރައްކާތެރި ވެކްސިނެއް ކަމަށް އެގައުމުގެ ރައްޔިތުންނަށް ހާމަކުރެއްވުމުގެ ގޮތުން ބައިޑަން ވަނީ ފައިޒާ ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވައިފައެވެ.

ވެކްސިން ޖެއްސެވުމަށްފަހު ބައިޑަން ވަނީ އެއީ ރައްކާތެރި ވެކްސިނެއް ކަމަށް ވިދާޅުވެފައެވެ. އަދި އެމެރިކާގެ ވެކްސިން ޕްރޮގްރާމް ފައްޓަވައިދެއްވީތީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރަށް އެކަމުގެ ކްރެޑިޓް ލިބެންޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ވެކްސިންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން އެމެރިކާގެ ގިނަ ލީޑަރުން ވަނީ ކޮވިޑް ވެކްސިން ޖައްސަވައިފައެވެ. އެގޮތުން ނައިބު ރައީސް މައިކް ޕެންސްގެ އިތުރުން ހައުސް ސްޕީކަރު ނެންސީ ޕެލޯސީ ވެސް ވަނީ ވެކްސިން ޖައްސަވައިފައެވެ.

ބައިޑަން ވަނީ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަސްތެރޭ އެމެރިކާއަށް 100 މިލިއަން ކޮވިޑް ވެކްސިން ޑޯޒް ހޯއްދަވައިދެއްވާނެ ކަމަށް ވަައުދުވެވަޑައިގެންފައެވެ.