އެމްޑަބްލިއުއެސްސީ

އެމްޑަބްލިޔުއެސްސީއަށް ލިބެން ޖެހޭ 250 މިލިއަން ރުފިޔާ އެބަހުރި: ޝާހް

އަލީ ޔާމިން

މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮންޕެނީ (އެމްޑަބްލިޔުއެސްސީ)އަށް ލިބެން ޖެހޭ 250 މިލިއަން ރުފިޔާ އެބަހުރި ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ރޭ، ވާހަކަ ދައްކަވަމުން ޝާހު ވިދާޅުވީ، އެމްޑަބްލިޔުއެސްސީން އަބަދުވެސް ބަލަނީ އެކުންފުނިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފޯރުކޮށްދޭ ހިދުމަތްތައް މެދުކަނޑާނުލައި ފޯރުކޮށްދިނުމަށް ކަމަށެވެ. ނަމަވެސް ރައްޔިތުންނާއި ސަރުކާރުގެ އިދާރާތަކުން އެމްޑަބްލިޔުއެސްސީއަށް ދައްކަން ޖެހޭ ގިނަ އަދަދެއްގެ ފައިސާ އެބަހުރިކަމަށް ވެސް ޝާހު ވިދާޅުވިއެވެ.

"އެމްޑަބްލިޔުއެސްސީއަށް އެބަހުރި ރިސީވަބަލްގެ ގޮތުގައި ކަސްޓަމަރުންގެ އަތުން ލިބެން ޖެހޭ 250 މިލިއަނެއްހާ ރުފިޔާ. އެއީ ވަރަށް ބައިވަރު ފައިސާ. ދެން މީގެ ތެރޭގައި ކޮންމެހެން ޑޮމެސްޓިކް ކަސްޓަމަރުން އެކަންޏެއް ނޫން. މީގެ ތެރޭގައި އެބަ ހިމެނޭ އިންސްޓިޓިއުޝަންތައްވެސް އިންސްޓިޓިއުޝަންގެ މާނައަކީ ސަރުކާރުގެ އިދާރާތަކާއި މިސްކިތް ފަދަ ތަންތަން" ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ، އެކުންފުންޏަށް އެކި ގޮތްގޮތުން ލިބެން ޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް އެކުންފުނީގެ ޑެބްޓް ރިކަވަރީ ކޮމިޝަނުން ކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން ޝާހު ވިދާޅުވީ، ބިލް ނުދައްކާތާ ގިނަ ދުވަސްތަކެއްވީ ކަސްޓަމަރުންވެސް އެބަތިބި ކަމަށެވެ. އެގޮތުން 60 ބިލާ ހަމައަށް ނުދައްކާ ކަސްޓަމަރުން ތިބި ކަމަށް ވިދާޅުވިއެވެ. އެފަދަ ކަސްޓަމަރުންނަށް އިންސްޓޯލްމަންޓް އުސޫލުން ބިލްތައް ދެއްކުމުގެ ލުއި ގޮތްތައް މިހާރު ހަމަޖައްސާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިދަނީ އެފަދަ ކަސްޓަމަރުންގެ ކަންކަން ކޭސްބައި ކޭސް ބަލައި، ކުރަން ޖެހޭ ކަންކަން ކުރަމުން" ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ، އެމްޑަބްލިޔުއެސްސީއަކީ ގަވައިދުން ފައިސާ ވަންނަ ކުންފުންޏަކަށް ވުމުން ކޮވިޑްގެ ސަބަބުން އެކުންފުންޏަށް މާލީ ބޮޑު ދަތިކަމެއް ކުރިމަތިވެފައި ނުވާ ކަމަށެވެ. އެގޮތުން މިމަސް ނިމޭއިރުވެސް އެކުންފުނީގެ ކޭޝްފްލޯގައި 280 މިލިއަން ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.