އެމްއެމްޕީއާރްސީ

ކޯޓުގައި އޮތް އެމްއެމްޕީއާރްސީގެ 35 މައްސަލައެއް އިތުރަށް މުރާޖައާކުރަން ފޮނުވައިދޭން އޭޖީން އެދިއްޖެ

އެމްއެމްޕީއާރްސީގެ މައްސަލަތަކާ ގުޅިގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދުމަށް ތަކައި ކޯޓަށް ހުށަހަޅާފައިވާ 35 މައްސަލައެއް މުރާޖައާ ކުރުމަށް ފަހު އަލުން ހުށަހެޅުމަށް ޓަކައި އަނބުރައި ގެންނަން އެޓާނީ ޖެނެރަލްގެ އޮފީހުން ސިވިލް ކޯޓުގައި އެދިއްޖެ އެވެ.

އެޓާނީ ޖެނެރަލް އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް އެކި ފަރާތްތަކަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށާއި ހިޔާނާތް އެކުލެވޭ ގޮތަށް ކުއްޔަށް ދޫކޮށްފައިވާ ރަށްތަކާއި ބިންތަކާއި ފަޅުތަކާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އެ އޮފީހުން ސިވިލް ކޯޓަށް 39 މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލަތަކުގެ ތެރެއިން 35 މައްސަލައެއް މުރާޖައާ ކުރުމަށް އަނބުރައި ގެންނަން އެދިފައިވަނީ މައްސަލައާ ގުޅިގެން ހުށަހަޅާފައިވާ ލިޔެކިޔުންތަކަށާއި މައްސަލައިގެ ވަށައިގެންވާ ހުރިހާ ކަންކަމަށް ރިއާޔަތްކުރުމަށްފަހުގައި ކަމަށް ވެސް އޭޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.

އޭޖީ އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ އުފައްދާފައިވާ "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" އާއި ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާއެކު އެ 35 މައްސަލަ ފުރިހަމަކުރުމަށްފަހު ވީހާވެސް އަވަހަށް އެ މައްސަލަ އަލުން ސިވިލް ކޯޓަށް ހުށަހަޅާނެ ކަމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން އެމްއެމްޕީއާރުސީގެ މައްސަލަ ބަލަން ފަށާފައިވާ ކަމަށް ބުނެފައިވަނީ މިދިޔަ ހަފްތާގައެވެ.