ޝަހީދާ އަބްދުﷲ ސައީދު
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކީ ކޮން ބޭފުޅެއްކަން އޮޅޭ ހިސާބަށް އެހެން މީހަކު ނުކުމެ ރައްޔިތުންނަށް ވައުދުތައް ވަމުންދާކަމަށް ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އިން ބުނެފިއެވެ.
ޕީޕީއެންސީިން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައްޔިތުން އުންމީދުކުރި ތަރައްގީ މިސަރުކާރުން ގެންނަ މަންޒަރު ނުފެންނަ ކަމަށެވެ.
އަބްދުއްރަހީމް މިފަދައިން ވިދާޅުވެފައިވަނީ ފިރިންނަށް އާއިލާއާއެކު ކޮންމެ ރެއަކު ނިދޭނެ އުސޫލެއް ތައާރަފުކުރައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މީގެ އެއްދުވަސްކުރިން ވިދާޅުވެފައި ވަނިކޮށެވެ.
އަދި މަޖިލީހުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ ފަރާތްތަކުގެ ކެމްޕެއިން ޖަގަހަ ހުޅުވައިދެއްވައި ކުރީގެ ރައީސް ނަޝީދު ގިނަ ކަންކަން ރައްޔިތުންނަށް ކޮށްދެއްވާނެ ކަމަށް ވިދާޅުވެ ދައްކަވާ ވާހަކަފުޅުތަކަށް އިޝާރާތް ކުރައްވައި އަބްދުއްރަހީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަކު ހުންނަވަނިކޮށް، އެހެން ބޭފުޅަކު ނުކުމެވަޑައިގެން ރައްޔިތުންނަށް ވައުދުތައް ވަމުން ގެންދަވަނީ ތަނެއް ދޮރެއް ނުބައްލަވައި ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ ވައުދުތަކުގެ ތެރޭގައި އާއިލާގެތެރޭގައި ހިނގާ ކަންކަން ކުރަންޖެހޭނެ ގޮތާއި ކުރާނެ ގޮތުގެ ވައުދުވެސް ވަމުންދާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ރައްޔިތުން އާއިލާއާ އެކު ނިދޭނެ ގޮތެއް ނެތިގެން ނޫޅޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަދި ރައްޔިތުންނަށް މިއަދު ފެންނަމުންދަނީ ތަރައްގީގެ ނަމުގައި ރައީސް ޔާމީންގެ ސަރުކާރުން ގެނެސްދެއްވި ތަރައްގީ އާއި ބިނާތަކުގެ ނަންބޯޑު ބަދަލުކުރާ މަންޒަރު ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.