ޝަހީދާ އަބްދުﷲ ސައީދު
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެތިން ދާއިރާއެއް ފިޔަވައި އެހެން ހުރިހާ ދާއިރާއަކަށް ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އިން ވާދަކުރާނެ ކަމަށް އެޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ފޮނަދޫ ދާއިރަގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީޕީއެންސީިން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ އެޕާޓީ ރަޖިސްޓްރީވުމާއެކު ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ވާދަކުރާނެ ދާއިރާތައް ކަނޑައަޅާނެ ކަމަށެވެ.
އެގޮތުން މަޖިލީހުގެ ދެތިން ދާއިރާއެެެއް ފިޔަވައި އެހެން ހުރިހާ ދާއިރާއަކަށް ވާދަކުރާނެ ކަމަށާއި ވާދަކުރާ ދާއިރާތަކުން ބޮޑު ކާމިޔާބީއެއް ލިބޭނެކަމުގެ ޔަގީންކަން ވެސް އެބައޮތް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
''ޕީއެންސީން ކުރިން ގިނަ ދާއިރާތަކަށް ވާދަކުރާ ގޮތަކަށް ނޫން ވިސްނާފަ އޮތީ. ނަމަވެސް ދާއިރާތަކަށް ވާދަކުރަން ދާއިރާގެ މެންބަރުން އެދޭތީ ދެތިން ދާއިރާއެއް ފިޔަވައި ހުރިހާ ދާއިރާއަކަށް ވާދަކުރަން މިހާރު ނިންމާފައި މިއޮތީ. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ޕީއެންސީއަށް ވަރަށް ބޮޑު ކާމިޔާބީއެއް އިންތިޚާބުގައި ލިބޭނެ.'' އަބްދުއްރަހީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޕީޕީއެމުން މަޖިލިސް ޓިކެޓް ލިބުނު ފަރާތްތަކުން ޕީއެންސީއަށް ސޮއިކުރުމުން ޕީޕީއެމްގެ ނަމުގައި ދިން ޓިކެޓް ބާތިލުވާނެ ކަމަށެވެ.
މީގެއިތުރުން އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމްގައި މިވަގުތު ތިބި މެންބަރުންނަކީ ރައީސް ޔާމީނަށް ތާއީދުކުރާ އަދި އެމަނިކުފާނުގެ ސިޔާސަތު ގަބޫލުކުރާ މެންބަރުން ކަމަށެވެ. އެހެންކަމުން ޕީޕީއެމްގައި ތިބި މީހުން ޕީއެންސީއަށް ސޮއިކުރުމަށްވެސް އަބްދުއްރަހީމް ގޮވާލެއްވިއެވެ.