މޯލްޑިވް ގޭސް

މޯލްޑިވް ގޭހުން ހިންގި ކޮރަޕްޝަންގެ މައްސަލަ ދެމަސްތެރޭގައި ބެލުމަށް އޭސީސީއަށް އަންގައިފި

އިބްރާހިމް ޒަކީ

މާކެޓް ރޭޓަށްވުރެ ބޮޑު އަގުގައި ގޭސްގަނެ، މޯލްޑިވް ގޭސް ހިންގުމުގައި އިހުމާލު ވެ، ކޮރަޕްޝަން ހިންގާފައިވާ މައްސަލަ ދެމަސް ދުވަހުގެ ތެރޭގައި ބަލައި ނިންމައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ (އެސްއޯއީ ކޮމިޓީން) އޭސީސީއަށް އަންގަން ފާސް ކޮށްފިއެވެ.

އެގޮތަށް ފާސްކޮށް މަޖިލީހުގެ ތަޅުމަށް އެ ކޮމިޓީން ފޮނުވާފައިވާ ރިޕޯޓުގައި ބުނެފައި ވަނީ މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ކުރީގެ މެނެޖިންގ ޑިރެކްޓަރު އަބްދުﷲ މައުމޫނާއި މިހާރުގެ މެނެޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމްއާ ކުންފުނި ހިންގުމުގައި އިހުމާލު ވެފއިވާކަން ކޮމިޓީއަށް ފާހަގަ ވެފައިވާ ކަމަށެވެ.

ކޮމިޓީ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި، އެ ކުންފުނިން ވިއްކަން ގެންނަ ގޭހުގެ އަގު ބޮޑުވެ ކޮންމެ ގޭސް ޝިޕްމެންޓަކުން އެވްރެޖްކޮށް 45-60 ޕަސެންޓް ގޭސް ޑެލިވަރީ ކުރުމަށް ޕްރިމިއަމްގެ ގޮތުގައި ހިމަނާފައިވާ ކަމަށާއި 2016 ވަނަ އަހަރާއި 2017 ވަނަ އަހަރު މާކެޓުގައި ގޭހުގެ އަގު ދަށްވި ނަމަވެސް އެ ކުންފުނިން ގޭސް ގަންނަ އަގު 65-99 ޕަސެންޓް ބޮޑުކޮށްފައިވާ ކަން ވަނީ ފާހަގަ ކޮށްފައެވެ. އަދި 2016 އަހަރުން ފެށިގެން 2018 ވަނަ އަހަރަށް ގޭހުގެ ޕްރިމިއަމް އަގު ޓަނަކަށް 250-285 ޑޮލަރުގައި ހުރިއިރު، މޯލްޑިވް ގޭހަށް ގޭސް ފޮނުވައިދޭ ކުންފުނިން ގޭސް ގަތުން ހުއްޓާލިފަހުން ކޮންމެ ޝިޕްމަންޓަކުން 157 ޑޮލަރު އަގު ހެޔޮވެފައިވާކަން ވެސް ފާހަގަ ކޮށްފައިވެއެވެ.

ނަމަވެސް މޯލްޑިވް ގޭހުގެ ކޮންމެ ޝިޕްމަންޓަކަށް 2017 ވަނަ އަހަރުން ފެށިގެން އެވްރެޖުކޮށް 130،000 ޑޮލަރު އިތުރުވެފައިވާކަން ފާހަގަކޮށް އެއީ ބޮޑު އަދަދެއްކަމަށް ކޮމޯޓީ ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.

ރިޕޯޓުގައި އިތުރަށް ބުނެފައި ވަނީ 2017 ވަނަ އަހަރުގެ ޖެނުއަރީން މިދިޔަ އަހަރުގެ އޮގަސްޓް މަހަށް 22،000 ޓަނުގެ ގޭސް ރާއްޖެ އަށް އެތެރެކޮށްފައިވާއިރު، އެ މުއްދަތުގައި ގޭސް ގަތުމަށާއި، ގެނައުމަށް 16.8 މިލިއަން ޑޮލަރު (259 މިލިއަން ރުފިޔާ) ހޭދަކޮށްފައިވާ ކަމަށެވެ.

ނަމަވެސް އެސްއޯއީ ކޮމިޓީން މާކެޓްގެ އަގުތަކަށް ބަލައި ކޮށްފައިވާ ހިސާބުތަކުން، ގާތްގަނޑަކަށް 5.7 މިލިއަން ޑޮލަރު (87 މިލިއަން ރުފިޔާ) ކުޑަކޮށް މޯލްޑިވް ގޭހަށް ހަރަދު ކުރެވޭނެ ކަމަށް ރިޕޯޓުގައި ވަނީ ހިމަނައިފައެވެ.

އެ ރިޕޯޓުގައި އިތުރަށް ވަނީ ކުންފުނީގެ މިހާރުގެ މެނެޖިން ޑިރެކްޓަރު އަހަރެއްހައި ދުވަހު، ސަސްޕެންޝަންގައި ހުރުމުން ފާއިތުވެދިޔަ އަހަރުދުވަހުގެ ތެރޭގައި ކުންފުނި ހިންގާފައި ވަނީ މެނެޖިން ޑިރެކްޓަރެއް ނެތިކަމުން، ކުންފުނީގެ މިސްރާބު ގެއްލިގެންދާނެތީ، ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމަށް ކުންފުންޏަށް މެނެޖިން ޑިރެކްޓަރެއް އައްޔަން ކުރުމަށް ސަރުކާރާއި ގުޅިގެން ކުރަން ޖެހޭ މަސައްކަތްތައް ކުރެއްވުމަށް އެސްޓީއޯއަށް އެންގުމަށް ފާސްކޮށްފައެވެ.