އެފްރިކާ އިން ބޭރުކުރަން އުޅުނު 116 ކިލޯގެ ރައިނޯ ދަޅު އަތުލައިގެންފިއެވެ.
ސައުތް އެފްރިކާއިން ބޭރުކުރުމަށް މަސައްކަތް ކުރި ރައިނޯ ދަޅުގެ އަގު 1.3 މިލިއަން ޑޮލަރަށް އަރާނެކަމަށް އެގައުމުގެ ކަސްޓަމްސްއިން ބުނެއެވެ.
ޖޮހަނަސްބަރގްގެ އެއާޕޯޓުގެ ކަސްޓަމްސް އިން މިދަޅުތައް އަތުލައިގަތީ ކުއްތާގެ އެހީގައި ކަމަށް މައުލޫމާތު ލިބެއެވެ.
ދަޅުތައް ހުރީ ވަރަށް ރަނގަޅަށް ބަންދުކޮށް އެކި ކަހަލ މުދަލާ އެއްކޮށް ކަމަށް ކަސްޓަމްސްއިން މައުލޫމާތު ދީފައިވެއެވެ. އަދި ފޮށި ތަކަކީ ދުބާއީއަށް ފޮނުވަން ލޭބަލް ކޮށްފައި ހުރި ފޮށިތަކެއް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
އެފްރިކާއިން ރައިނޯގެ ދަޅު ބޭރުކުރުމަކީ އާންމު ކަމެކެވެ. އެއީ ހާއްސަކޮށް ޗައިނާ އަދި ވިއެޓްނާމްގެ ބާޒާރުގައި އަގުބޮޑުކޮށް ވިއްކައިލެވޭ އެއްޗެކެވެ. ރައިނޯގެ ދަޅު ބޭނުންކޮށްގެން އެގައުމުތަކުގައި ގަދީމީ ބޭސްވެރިކަން ކުރާކަމަށް މައުލޫމާތުލިބެއެވެ.