ކުންފުނިތަކުން ވަޒީފާ ދިނުމާއި މުސާރަތައް ބޮޑުކުރުން އަދި ޕްރޮމޯޝަންތައް ދިނުން ހުއްޓުވުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރައިވެޓައިޒޭޝަން ބޯޑަށް އަންގައިފިއެވެ.
އޭސީސީން ޕްރައިވަޓައިޒޭޝަން ބޯޑަށް އެކަން އަންގާފައި މިވަނީ ފެނަކައިގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކުރަމުންދާ ކަމުގެ ވާހަކަތަކެއް ފެތުރިގެން ގޮސްފައި ވަނިކޮށެވެ.
ވަޒީފާ ދިނުމާއި މުސާރަތައް ބޮޑުކުރުން އަދި ޕްރޮމޯޝަންތައް ދިނުން މަޑުޖައްސާލުމަށް އޭސީސީން ވަނީ މީގެ ކުރިން ސަރުކާރުގެ ބައެއް ކުންފުނިތަކަށް ވެސް އަންގައިފައެވެ. އޭގެ ތެރޭގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ކޫއްޑޫ ފިޝަރީޒް ހިމެނެއެވެ.
ސިވިލް ސާވިސްގެ ވަޒީފާތަކަށް އިޢުލާނުކުރުން މަޑުޖައްސާލަން އަންގައި އެ ކޮމިޝަނުން ވެސް ވަނީ ސާކިއުލާއެއް ނެރެފައެވެ. އެ ކޮމިޝަނުން ނެރުނު ސާކިއުލާގައި ބުނެފައިވަނީ ނޮވެމްބަރު މަހުގެ 17 އިން ފެށިގެން ދިވެހި ސަރުކާރު ހިންގުމުގެ ނިޒާމަށް އަތުވެދާނެ ބަދަލުތަކާ ގުޅިގެން، ސިވިލް ސާވިސްގެ އިދާރާތަކާއި އެ އިދާރާތަކުގެ މެންޑޭޓަށް އަތުވެދާނޭ ބަދަލުތަކަށް ތައްޔާރުވުމުގެ ގޮތުން، މިއަދުން ފެށިގެން ސިވިލް ސާވިސްގެ ވަޒީފާތަކުގެ ތެރެއިން ފަންނީ މަގާމުތައް ފިޔަވައި، އެހެން ވަޒީފާތަކަށް އިއުލާންކުރުން ވަގުތީގޮތުން ހުއްޓާލުމަށް ކޮމިޝަނުން އަންގާ ކަމަށެވެ.
ނަމަވެސް ސިވިލް ސާވިސްގެ އިދާރާތަކުން ފޯރުކޮށްދެމުން އަންނަ ހިދުމަތްތައް މެދުނުކެނޑި ކުރިއަށްގެންދިއުމަށް ކޮންމެހެން ބޭނުންވާ މަގާމުތަކަށް އިއުލާންކުރުން ކޮމިޝަނުގެ ހުއްދައާއެކު ކުރިއަށް ގެންދެވިދާނެ ކަމަށް ވެސް ސިވިލް ސާވިސް ކޮމިޝަނުން ނެރުނު ސާކިއުލާގައި ބުނެފައިވެއެވެ.