އެންޓި ކޮރަޕްޝަން ކޮމިޝަން

ހިޔާ މަޝްރޫއު މަޑުޖައްސާލަން އޭސީސީން އަންގައިފި

މި ސަރުކާރުން ފަށާފައިވާ "ހިޔާ މަޝްރޫއު" މަޑުޖައްސާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އަންގައިފިއެވެ.

ހިޔާ މަޝްރޫއު މަޑުޖައްސާލުމަށް އޭސީސީން ހައުސިން މިނިސްޓްރީއަށް އަންގާފައިވަނީ އެ މަޝްރޫއާ ގުޅޭ ޝަކުވާތަކެއްގެ މައްސަލަތައް އެ ކޮމިޝަނުން ބަލަމުންދާތީއެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިދިޔަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ރޭ އިފްތިތާހުކުރި ހިޔާ މަޝްރޫއުގެ ދަށުން 80،000 ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެންދާނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

އެ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފޭސްގައި އިމާރާތް ކުރާ 7000 ފްލެޓަށް އެދުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ހުޅުވާލުމުން ގިނަ ބަޔަކު ވަނީ ފޯމް ހުށަހަޅާފައެވެ. ޖުމްލަ 12 ކެޓަގަރީއަކަށް ބަހާލައިގެން ދޫކުރާ އެ ފްލެޓުތަކަށް ފޯމް ހުށަހެޅުމުގެ މުއްދަތު ހަމަވީ އިއްޔެއެވެ.

ހައުސިން މިނިސްޓްރީން ފްލެޓު ދިނުމުގައި ޕީޕީއެމްގެ މީހުންނަށް އުސޫލުތަކާ ޚިލާފަށް ފްލެޓުދޭން އުޅޭ ކަމަށް އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ބައެއް ބޭފުޅުން އަންނަނީ ތުހުމަތު ކުރަމުންނެވެ. ނަމަވެސް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަނީ އެކަން ދޮގުކުރައްވާފައެވެ.

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓްތައް ދޫކުރުމަށް ހަމަޖެހިފައިވަނީ:

  • ސިވިލް ސާވިސް މުވައްޒަފުންނަށް 1000 ފްލެޓް
  • އުމުރުން 18-40 ދެމުދު ކައިވެނިކޮށްގެން އުޅޭ މީހުންނަށް 1000 ފްލެޓް
  • ދަފްތަރުގައި ނުހިމެނޭ މާލޭ ރަށްވެހިންނަށް 1000 ފްލެޓް
  • މާލޭ މުނިސިޕަލްޓީގެ ހާއްސަ ދަފްތަރުގައި ހިމެނޭ މީހުންނަށް 1044 ފްލެޓް
  • ޑޮކްޓަރުންނާއި ނަރުހުންނަށް 475 ފްލެޓް
  • ޓީޗަރުންނަށް 625 ފްލެޓް
  • އެކަނިވެރި މައިންނާއި ބަފައިންނަށް 500 ފްލެޓް
  • ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެމީހުންގެ އައިލާތަކަށް 200 ފްލެޓް
  • ގުޅީފަޅާއި ޓާޓާ ފްލެޓްތަކަށް ފައިސާ ނުދެއްކުނު ފަރާތަކަށް 300 ފްލެޓް
  • ސިފައިންނާއި ފުލުހުންނަށް 600 ފްލެޓް
  • މާފަންނު ހުޅަނގު ދާއިރާ އަށް ނިސްބަތްވާ ވަރަށް ދަތި ހާލުގައި އުޅޭ ގޭބިސީތަކަށް 256 ފްލެޓް