މުހައްމަދު އައުޒަމް
ޕްރީ ނަޕް ނެތުމުން ދުނިޔޭގެ އެންމެ މުއްސަނދި އަންހެނާގެ މަގާމު ކެންޒީއަށް ލިބިއްޖެއެވެ.
ކައިވެންޏަށް 25 އަހަރުވެފައިވާ އެމޭޒަންގެ ސީއީއޯ ޖެފް ބެޒޮސް އަދި ބައިވެރިޔާ މެކް ކެންޒީ އަކީ ދުނިޔޭގައި މިހާރު ތިބި އެންމެ މުއްސަނދި ދެމަފިރިންނެވެ.
ޖެފް ބެޒޮސް އާއި މެކް ކެންޒީގެ މިލްކިއްޔާތުގައި 140 ބިލިޔަން ޑޮލަރު ހުރިކަމަށް މަޝްހޫރު ވެބްސައިޓު، ޓީއެމްޒެޑް އިން ހާމަކޮށްފައިވެއެވެ. ޖެފް ބެޒޮސް އާއި މެކް ކެންޒީގެ ޒަވާޖީ ހަޔާތަށް ނިމުން ގެނައުމަށް، ދެމީހުން ނިންމާފައި ވާކަމަށް ޓްވިޓާ މެދުވެރިކޮށް ނެރުނު ސްޓޭޓްމަންޓެއްގައި ހާމަކޮށްފައިވާއިރު މިލްކިއްޔާތުގައިވާ 140 ބިލިޔަން ޑޮލަރު ބަހަން ޖެހޭ ގޮތާއި މެދު ވަނީ ހިޔާލު ތަފާތުވެފައެވެ.
ނަމަވެސް ޖެފް ބެޒޮސް އާއި މެކް ކެންޒީގެ ކައިވެނި ރޫޅިއްޖެނަމަ ޕްރީ ނަޕްއެއް ވެފައި ނުވުމުގެ ސަބަބުން 140 ބިލިޔަން ޑޮލަރު ހަމައަށް ދެބަޔަށް ބަހަން ޖެހޭނެކަމަށް ގާނޫނީ ވަކީލުން ވަނީ ބުނެފައެވެ. މިކަމުގެ ސަބަބުން ކެންޒީ ވެގެން ދާނީ ދުނިޔޭގެ އެންމެ މުއްސަނދި އަންހެނާއަށެވެ.
މިހާރު ދުނިޔޭގައި ހުރި އެންމެ މުއްސަނދި އަންހެނަކީ ފްރާންސްގެ މަޝްހޫރު ބިއުޓީ ސާމާނު އުފައްދާ ލޮރިއަލްގެ އެއް ހިއްސާދާރުކަމަށްވާ އުމުރުން 65 އަހަރުގެ މޭޔާސް އެވެ.
ޖެފް ބެޒޮސް އާއި މެކް ކެންޒީ ވަކިވުމަށް ނިންމާފައިވަނީ ކެންޒީއަށް ބޭވަފާވިކަން ފަޅާއެރުމުންނެވެ. ބެޒޮސް ވަނީ ފޮކްސް 11ގެ ޕްރެޒެންޓަރ ލައުރެން އާއި، ސިއްރު ގުޅުމެއް ހިންގާކަން ފަޅާއަރާފައެވެ. ފަހުން ބެޒޮސް ވަނީ މިކަމަށް އެއްބަސްވެފައެވެ.
ޖެފް ބެޒޮސް އާއި މެކް ކެންޒީ ކައިވެނިކޮށްފައި ވަނީ 1993 ގައެވެ. މިދެމީހުންނަށް ހަތަރު ދަރިން ލިބިފައިވާއިރު އެތަނުން އެއްކުއްޖަކީ އެދެމީހުން އެޑޮޕްޓް ކޮށްފައިވާ ކުއްޖެކެވެ.