ރާއްޖޭގެ 15 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމާއި ފަސް ރަށެއްގެ ފެނުގެ ނިޒާމު ގާއިމްކުރަން އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފި އެވެ.
މި މަޝްރޫއުތަކުގެ އެއްބަސްވުމުގައި ނޭޝަނަލް ޕްލޭނިން، ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ، ޑިޒައިން އެންޑް ބިލްޑު އުސޫލުން ހަވާލުކުރި މި މަޝްރޫއުތަކުގެ ޖުމްލަ އަގަކީ 1.3 ބިލިއަން ރުފިޔާ ކަމަށެވެ. އަދި މި މަޝްރޫއުތަކަށް ފައިސާ ދައްކަން ޖެހޭނީ ހަތަރު އަހަރަށް ބަހާލައިގެން ކަމަށް ބުންޏެވެ.
ފެނާއި ނަރުދަމާގެ މަޝްރޫއުތަކުގެ ކޮންޓްރެކްޓްގެ މުއްދަތަކީ 18 މަސް ދުވަހެވެ. އަދި ފެނުގެ ނިޒާމުގެ ކޮންޓްރެކްޓް މުއްދަތަކީ 15 މަސް ދުވަހެވެ.
ފެނާއި ނަރުދަމާ ނިޒާމު ގާއިމްކުރުމުގެ މަޝްރޫއުގެ ދަށުން ވިޔުގަ އެޅުމާއި އާރުއޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކު ބެހެއްޓުމާއި ނަރުދަމާގެ ޕަމްޕު ސްޓޭޝަން ގާއިމްކުރުމުގެ އިތުރުން ސީ އައުޓް ފޯލް އެޅުމާއި އިދާރީ އޮފީސް ގާއިމްކޮށް، ގޭގެއަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅާނެ އެވެ.
ފެނުގެ ނިޒާމު ގާއިމްކުރުމުގެ މަޝްރޫއުގެ ދަށުން ވިޔުގަ އެޅުމާއި އާރުއޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކު ބެހެއްޓުމާއި އަދި ސީ އައުޓް ފްލޯ އެޅުމާއި އިދާރީ އޮފީސް ގާއިމްކޮށް އަދި ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅގައިދިނުން ހިމެނެ އެވެ.