ދުނިޔެ

ޗައިނާގެ ސައިނޯވެކް ވެކްސިންގެ ޓެސްޓުތައް އަލުން ފެށުމަށް ބްރެޒިލް އިން ހުއްދަދީފި

މުހައްމަދު އައުޒަމް

ޗައިނާގެ ސައިނޯވެކް ވެކްސިންގެ ޓެސްޓުތައް އަލުން ފެށުމަށް ބްރެޒިލް އިން ހުއްދަދީފިއެވެ.

ވެކްސިންގެ މަސައްކަތް ހުއްޓުވާފައިވަނީ ބްރެޒިލްގައި ކުރިޔަށްދިޔަ ވެކްސިން ޓެސްޓުގެ ފަހުގެ މަރުހަލާގައި ބައިވެރިވި ވޮލަންޓިއަރަކު މަރުވުމާ ގުޅިގެންނެވެ.

ބްރެޒިލްގެ ހެލްތު ރެގިއުލޭޓަރުން ވަނީ އެމީހާގެ މަރާއި ވެކްސިންއާ ގުޅުމެއް ހުރިކަމަށް ތަހުގީގުން ފެންނަން ނެތް ކަމަށް ނިންމައިފައެވެ. އަދި އެމީހާގެ މަރަށްފަހު ކުރިޔަށް ގެންދިޔަ ތަހުގީގަށްފަހު ވެކްސިންގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ހުއްދަ ދޭން ވަނީ ނިންމައިފައެވެ.

ބްރެޒިލްގެ ސިއްހަތާބެހޭ އޮފިޝަލަކު ވަނީ ވެކްސިންގެ މަސައްކަތް ހުއްޓުވައި ތަހުގީގު ހިންގި ނަމަވެސް އޭގެ ކޮލިޓީއަށް ނުވަތަ ސަލާމަތާއި ރައްކާތެރިކަމަށް ސުވާލު އުފައްދަން ނުޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

ބްރެޒިލްގެ ރައީސް ޖައިރު ބޮލްސޮނާރޯވެސް ވަނީ ވެކްސިން ވަގުތީގޮތުން މަޑުޖައްސައިލުން އެއީ ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.

ބްރެޒިލްގައި ޗައިނާގެ ސައިނޯވެކް ވެކްސިންގެ ޓެސްޓުތަކަށް ހުއްދަ ދީފައިވަނީ ސައުޕޯލޯގެ ގަވަރުނަރު ކަމަށް އެގައުމުގެ ނޫސްތަކުން ބުނެފައި ވެއެވެ.