އަންނަ މަހު އެމެރިކާގައި ކޮވިޑް ވެކްސިން ދޭން ފަށަން ނިންމައިފިއެވެ.
އެމެރިކާގެ ކުންފުންޏަކުން ކޮވިޑާ ދެކޮޅަށް އުފައްދާފައިވާ ވެކްސިން ޕެފިޒާ ވެކްސިންގެ ފަހުގެ މަރުހަލާ ކުރިޔަށްދާއިރު ވެކްސިންގެ ނަތީޖާ ލިބުނުހާ އަވަހަކަށް ހުއްދަ ދީ ވެކްސިން ޖަހަށް ފެށުމަށް އެގައުމުގެ ސަރުކާރުން ވަނީ ނިންމައިފައެވެ.
އެމެރިކާގެ އިންފެކްޝަސް ޑިޒީސް އެކްސްޕާޓް ޑރ. އެންތޮނީ ފައުސީގެ އިތުރުން އެގައުމުގެ ހެލްތު ސެކްރެޓަރީ އެލެކް އަޒާރް ވަނީ ވެކްސިން ތައްޔާރުވުމާއެކު އެންމެ ފުރަތަމަ ހައި ޕްރިއޯރިޓީ ގްރޫޕްތަކަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ.
ޕެފިޒާއިން ވަނީ އެކުންފުނީގެ ވެކްސިންގެ ފަހުގެ މަރުހަލާގެ ނަތީޖާ ވަރަށް ރަނގަޅުކަމަށް ބުނެފައެވެ. އެކުންފުނިން ޖަރުމަނުގެ ބަޔޯއެންޓެކް އެސްއީ އާއި ގުޅިގެން އުފައްދާފައިވާ ވެކްސިންގެ ހުއްދައަށް އަންނަ ހަފްތާގައި ހުރިހާ ރިޕޯޓުތަކާއެކީ ހުށަހެޅުމަށް ވަނީ ނިންމައިފައެވެ.
އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން އިން އިމަޖެންސީ ހުއްދަ ދިނުމާއެކު މަހަކު 20 މިލިއަން ޑޯޒް އެމެރިކާގެ ރައްޔިތުންނަށް ދިނުމަށް ޕެފިޒާ އިން ނިންމާފައި ވެއެވެ.