ކޮވިޑް 19އިން ރައްކާތެރިވުމަށް އަޅާފައިވާ ހާއްސަ ފިޔަވަޅުތަކަށް ބަދަލު ގެނައުމާއި ގުޅިގެން ކެފޭ ރެސްޓޯރެންޓުތައް މިއަދުން ފެށިގެން ފަތިހު 4:30 އިން ރޭގަނޑު 11:30އާ ހަމައަށް ހުޅުވާފައި ބެހެއްޓޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން ސައިހޮޓާ، ކެންޓީނު، ކެފޭ، ރެސްޓޯރަންޓު ފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ފަތިހު 4:30 އިން ރޭގަނޑު 11:30 އަށް ހުޅުވޭނެ ކަމަށެވެ.
އެގޮތުން ސައިހޮޓާ، ކެންޓީނު، ކެފޭ، ރެސްޓޯރަންޓު ފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން އެޗްޕީއޭގެ އުސޫލުތަކާއި އެއްގޮތަށް އަމަލު ކުރަން ޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
މީގެ ކުރިން ސައިހޮޓާ، ކެންޓީނު، ކެފޭ، ރެސްޓޯރަންޓު ފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހުޅުވުމަށް ހުއްދަ ދީފައިވަނީ ފަތިހު 4:00 އާއި ރޭގައިޑު 10:30 އާއި ދެމެދަށެވެ.
ނިއު ނޯމަލްގެ އުސޫލުތަކާއި އެއްގޮތަށް ސައިހޮޓާ ތަކާއި ކެފޭ އަދި ރެސްޓޯރަންޓްތައް ހުޅުވާފައިވަނީ އެފަދަ ތަންތަނުގެ އެތެރެއަށް ވަދެވޭނެ މީހުންގެ އަދަދު ފެންނަ ގޮތަށް ދޮރުމަތީގައި ބަހައްޓަން ޖެހޭނެ ގޮތަށެވެ. މިފަދަ ތަންތަނުގައި ތިން ފޫޓުގެ ގައިދުރުކަން ހިފެހެއްޓޭ މިންވަރަށް މީހުންނަށް ތިބެވޭ ގޮތަށް އެތަންތަނުގެ އެތެރޭގެ އިންތިޒާމު ހަމަޖައްސަން ޖެހޭނެ ކަމަށް އެޗްޕީއޭގެ ގައިޑްލައިނުގައި ވެއެވެ.