ޚަބަރު

ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ރަޖިސްޓްރީ ކުރަން އަންގައިފި

ފާތިމަތު ލިޔުޝާ

ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ރަޖިސްޓްރީކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ.

އެމްއެފްޑީއޭ އިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ކާބޯތަކެތީގެ ހިދުމަތް ފޯރުކޮށްދޭ ތަންތަން ދަފްތަރުކޮށް ރަޖިސްޓްރީކުރުމާ ގުޅޭ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނަށް އަމަލުކުރަން ފެށުމުން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ރަޖިސްޓްރީކޮށް ލައިސަންސް ހޯދުމަށް އެ ގާނޫނުގެ ދަށުން މާލޭގައި ނަމަ، އެ އޮތޯރިޓީގައި އަދި އަތޮޅު ތެރޭގައި ނަމަ އެ ރަށެއްގެ ސިއްހީ ހިދުމަތްދޭ މަރުކަޒެއްގައި ރަޖިސްޓްރީ ކުރަންޖެހޭނެ ކަމަށެވެ.

"ރަޖިސްޓްރީ ނުކޮށް ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހިންގުމަކީ މަނާކަމެއް. ކާބޯތަކެތީގެ ހިދުމަތްދޭ ހުރިހާ ފަރާތްތައް ރަޖިސްޓްރީ ކުރުމަށް ހަނދުމަކޮށް އަރުވަމެވެ..،" އެމްއެފްޑީއޭ އިން ބުންޏެވެ.

ކާބޯތަކެތި ރައްކާތެރިކުރުމުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވާފައިވަނީ 2024 ވަނަ އަހަރުގެ މެއި މަހުގެ 23 ވަނަ ދުވަހުއެވެ. އަދި އެ ގާނޫނަށް އަމަލުކުރުމަށް 23 އޮގަސްޓް 2024 އިން ފެށިގެން ވަނީ އަމަލުކުރަން ފަށައިފައެވެ.

އެ ގާނޫނަކީ ރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ ކާބޯތަކެއްޗާއި ރާއްޖެއަށް އިމްޕޯޓުކުރާ އަދި ރާއްޖެ އިން އެކްސްޕޯޓުކުރާ ކާބޯތަކެއްޗަކީ ރައްކާތެރި، ސިއްހަތަށް ފައިދާހުރި އަދި އާންމު ސިއްހަތަށް ގެއްލުންނުވާ ފަދަ ތަކެތިކަން ކަށަވަރުކުރުމަށްޓަކައި އަދި ކާބޯތަކެތީގެ ފެންވަރު ހިފެހެއްޓުމާއި ރައްކާތެރިކަން ދެމެހެއްޓުމާގުޅޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމަށް ހެދި ގާނޫނެކެވެ.

އެ ގާނޫނުގެ ނުވަވަނަ ބާބުގައި ގިނަ ކުށްތަކެއް ހިމަނައި، އެއަށް އަޅާނެ ފިޔަވަޅުތައް ވަނީ ކަނޑައަޅައިފައެވެ. ގާނޫނުގައިވާ ގޮތުން މީހެއްގެ އަމިއްލަ ނަމުގައި ނުވަތަ އޭނާގެ ފަރާތުން އެހެން މީހަކު މެދުވެރިކޮށް، ހަތަރު ވައްތަރެއްގެ ތަކެތި ރާއްޖެއަށް އެތެރެކޮށް، ބަންދުކޮށް، ލޭބަލްކޮށް، ރައްކާކޮށް، ގުދަންކުރުމާއި ގަނެވިއްކައި ފޯރުކޮށްދިނުމަކީ ކުށެކެވެ.

އޭގެ ތެރޭގައި ހިމެނޭ ތަކެތި:

  • ގަޑުބަޑުކޮށްފައިވާ ކާބޯތަކެތި ނުވަތަ އެޑަލްޓްރަންޓް
  • އަސްލު އޮޅޭ ގޮތަށް ލޭބަލްކޮށްފައިވާ ކާބޯތަކެތި
  • ރާއްޖެއަށް ގެނައުމުން މަނާކޮށްފައިވާ ކާބޯތަކެތި
  • ސިއްހަތަށް ގެއްލުމެއްދޭ ކާބޯތަކެތި

އެއިން ކުށެއް ކޮށްފި މީހެއް ކުރި ކުށުގެ ބޮޑުމިނަށް ބަލައި، 10،000 ރުފިޔާ އާއި 750،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ވަނީ ހިމަނައިފައެވެ.

އޭގެ އިތުރުން އެ އަމަލެއްގެ ސަބަބުން، މީހެއްގެ ސިއްހަތަށް ނުރައްކާތެރި ގެއްލުމެއް ލިބުމަށް މެދުވެރިވެއްޖެ ނަމަ، ނުވަތަ މީހެއްގެ ފުރާނައަށް ނުރައްކާވެއްޖެ ނަމަ، އެ އަމަލެއް ހިންގި ފަރާތުގެ އަދަބަކީ، އެ އަމަލެއްގެ ކުޑަބޮޑުމިނަަށް ބަލައި، އެއް މިލިއަން ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމެވެ.

ގާނޫނާ ހިލާފަށް ކާބޯތަކެތި އިމްޕޯޓު އަދި އެކްސްޕޯޓް ކުރުމާ ގުޅޭ ތިން ކުށެއް ބިލުގައި ހިމެނެއެވެ.

އޭގެ ތެރޭގައި ހިމެނެނީ:

  • ގާނޫނުގެ ދަށުން ހަދާ ގަވައިދާ ހިލާފަށް ކާބޯތަކެތި އިމްޕޯޓު/އެކްސްޕޯޓު ކުރުން
  • އޮޅުވާލައިގެން ކާބޯތަކެތި އިމްޕޯޓު/އެކްސްޕޯޓު ކުރުން
  • ކާބޯތަކެތި އިމްޕޯޓު ކުރާ/އެކްސްޕޯޓު ކުރާ ފަރާތްތަކުން ފޯޖްކޮށްފައިވާ ނުވަތަ ސައްހަ ނޫން ލިޔެކިޔުން ހުށަހެޅުން

އެއިން ކުށެއް ކޮށްފި މީހެއްގެ އަދަބަކީވެސް އެއް މިލިއަން ރުފިޔާއާ ހަމައަށް ޖުރިމަނާ ކުރުމެވެ.

އޭގެ އިތުރުން، ގާނޫނުގައި ހިމަނާފައިވާ އެހެން ބައެއް ކުށްތަކާއި އަދަބުތަކުގެ ތެރޭގައި ގާނޫނާއި ގަވައިދާ ހިލާފަށް ކާބޯތަކެތި އިސްތިހާރު ކުރުން؛ 10،000 ރުފިޔާ އާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދުން ޖޫރިމަނާކުރުމާއި، ވިއްކާ ކާބޯތަކެތީގެ މުއްދަތު ހަމަވާ ތާރީހު އޮޅުވާލުން؛ 10،000 ރުފިޔާ އާއި 300،000 ރުފިޔާއާ ދެމެދު އަދަދުން ޖޫރިމަނާ ކުރުން ހިމެނެއެވެ. އަދި ކާބޯތަކެތީގެ ބާވަތެއް ނުވަތަ އިންގްރިޑިއަންޓެއް ރައްކާތެރިކަމާއެކު ބެހެއްޓުމަށް ގާނޫނުގެ ދަށުން ހުއްދަ ލިބިގެން ހަވާލުކުރެވިފައިވާ ފަރާތަކުން އެއިން އެއްޗަކަށް އުނިއުތުރު ގެނައުން ނުވަތަ އެއްވެސް ބަދަލެއް ގެނައުން؛ 10،000 ރުފިޔާ އާއި އެއް މިލިއަން ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރުންވެސް ހިމެނެއެވެ.

އެ ގާނޫނުގެ ދަށުން ހަދާ ގަވައިދަކާ ހިލާފަށް ކާބޯތަކެތި ލޭބަލްކުރާ ފަރާތެއް 10،000 ރުފިޔާ އާއި އެއް މިލިއަން ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރުމާއި، ކާބޯތަކެތި ރީކޯލްކުރުމަށް އޮތޯރިޓީން އަންގާ އެންގުމަކާ އެއްގޮތަށް ކާބޯތަކެތި ރީކޯލް ނުކުރާނަމަ 10،000 ރުފިޔާ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއި، ބައެއް ހާލަތްތަކުގައި ވަގުތީ ގޮތުން ލައިސެންސް ހިފެއްހެއްޓުމާއި ބާތިލުކުރުންވެސް ގާނޫނުގައި ހިމަނާފައިވެއެވެ.

އެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު، 1978 ވަނަ އަހަރު ވުޖޫދުކޮށްފައިވާ ހޮޓާހޮޓަލާއި ކާބޯތަކެތި ވިއްކާ ތަންތަނާއި ވިއްކުމަށްޓަކައި ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ސާފުތާހިރުކޮށް ބެހެއްޓުމާ ގުޅޭ ގާނޫނު ވަނީ އުވިފައެވެ.