ކެފޭތަކާއި ރެސްޓޯރަންޓްތަކުގައި ދުންފަތް ބޭނުން ކުރުމަށް ވަކި ހާއްސަ ތަނެއް ހެދުމަށް މަޖުބޫރުކޮށްފިއެވެ
ހެލްތު މިނިސްޓްރީން މިއަދު ގެޒެޓުކުރި ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ އާންމު ގަވާއިދުގައިވާ ގޮތުގައި މީހުން އެއްވެ އުޅޭ ގިނަ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން ވަނީ މަނާކޮށްފައެވެ.
ގަވައިދުގައި ވަނީ، ދުންފަތުގެ އިސްތިއުމާލު ކުރެވިދާނެ ހަތް ތަނެއް ހަމަޖައްސައިފައެވެ. އެއީ، އެއާޕޯޓްތަކާއި ބަނދަރުތަކުގެ ތެރެއިން ޓްރާންސިޓް ދަތުރުގެ އިންތިޒާމު ހަމަޖައްސާފައިވާ ބަނދަރުތަކާއި މޯލްތަކާއި ސައި ހޮޓާތަކާއި ކެފޭތަކާއި ރެސްޓޯރަންޓްތަކާއި ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ބަންދުގައި ބައިތިއްބާ ތަންތަނާއި ރިސޯޓްތައް ހިމެނޭ ގޮތަށް ސިނާއީ މަސައްކަތްކުރާ ތަންތަނާއި ކާރިސާއެއްގައި ގެއްލުން ލިބުނު މީހުން ވަގުތީ ގޮތުން ތިބޭ ކޭމްޕް ހަދަ ތަންތަނުގައި ހުންނަ ހާމަ ބިންތަކާއި ދައުލަތުގެ އެންމެހާ އިދާރާތަކާއި ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ސަރުކާރުގެ ރަސްމީ ޒިންމާ އަދާކުރާ އެންމެހާ ތަންތަނުގައި އޮންނަ ހާމަ ބިންތަކެވެ.
ގަވައިދުގައި ވަނީ، އެ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރަން ޖެހޭނީ ހެލްތު މިނިސްޓްރީން ދޭ ހާއްސަ ހުއްދައެއްގެ ތެރެއިން "ސްމޯކިން އޭރިއާ" ތައް ގާއިމް ކުރުމަށް ފަހުގައި ކަމަށެވެ. ސްމޯކިން އޭރިއާއަށް ހުއްދަ ދޫކުރާނީ 10،000 ރުފިޔާގެ ފީއެއް ހެލްތު މިނިސްޓްރީއަށް ދެއްކުމުންނެވެ.
ގަވައިދުގައި ބުނީ، އެ ގަވައިދާ ހިލާފުވާ ވިޔަފާރިތަކަށް ފުރަތަމަ ފަހަރު 3،000 ރުފިޔާ އަދި ދެ ވަނަ ފަހަރު 5،000 ރުފިޔާ އަދި ތިން ވަނަ ފަހަރުން ފެށިގެން، ތަކުރާރުކުރާ ކޮންމެ ދެ ފަހަރަކު ދޫކޮށްފައިވާ ލައިސެންސް ވަގުތީ ގޮތުން ހިފެހެއްޓޭނެ ކަމަށެވެ.