ދުނިޔެ

ބައިޑަން އިންތިހާބު ކާމިޔާބު ކުރެއްވުމާއެކު މުޅި އެމެރިކާ އުފާ ފާޅުކުރަނީ

މުހައްމަދު އައުޒަމް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ވާދަކޮށް އެގައުމުގެ ރިޔާސީ އިންތިހާބު ޖޯ ބައިޑަން ކާމިޔާބު ކުރެއްވުމާއެކު އެމެރިކާގެ ރައްޔިތުން އުފާފާޅުކުރުމަށް މަގުތަކަށް ނުކުމެއްޖެ އެވެ.

އެމެރިކާގެ ބޮޑެތި ސިޓީތަކުގައި މަގުތައް ފުރިފައިވާއިރު ވައިޓް ހައުސް ހިމެނޭ ވޮޝިންޓަން ޑީސީ ސަރަހައްދަށް އެއްވެފައި ތިބި އާންމުން ވަނީ ލަވަކިޔައި ނަށައިފައެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ނިސްބަތްކޮށް ލަވަ ހަދައިގެން ކިޔަމުންދާ ކަމަށް ވެސް އެގައުމުގެ މީޑިއާތަކުން ރިޕޯޓު ކޮށްފައި ވެއެވެ.

ވައިޓް ހައުސް ބޭރުގައި ބައިޑަންގެ ސަޕޯޓަރުން އުފާފާޅު ކުރާއިރު ޓްރަމްޕް ވައިޓް ހައުސްގައެއް ނޫޅުއްވަ އެވެ. ބައިޑަން އިންތިހާބު ކާމިޔާބުކުރެއްވިކަން އިއުލާން ކުރި ވަގުތު ޓްރަމްޕް ހުންނެވީ ވާޖީނިއާގައި ގޮލްފް ކުޅުއްވުމުގައެވެ.

ބައިޑަން ގެ ސަޕޯޓަރުން އުފާފާޅުކުރަމުން އަންނައިރު ރައީސް ޓްރަމްޕް އަށް ތާއީދުކުރާ ސަޕޯޓަރުންވެސް ވަނީ މަގުތަކުގައި ބޯޑު ހިފައިގެން އިންތިހާބު ގަބޫލު ނުކުރާ ކަމަށާއި އަލުން ވޯޓް ގުނުމަށް ގޮވާލައި އިހުތިޖާޖު ކޮށްފަ އެވެ.