މުހައްމަދު އައުޒަމް
ތުރުކީގެ ބިންހެލުމުގައި ވެއްޓުނު އިމާރާތެއްގެ ދަށުން 91 ގަޑިއިރުފަހުން ދެ އަހަރުގެ ކުއްޖަކު ސަލާމަތްކޮށްފިއެވެ.
ތުރުކީއާއި ގްރީސް އަށް އައި ބިންހެލުމުގައި ތުރުކީގެ އިޒްމީރުގެ ގިނަ އަދަދެއްގެ އިމާރާތްތަކެއް ވަނީ ވެއްޓިފައެވެ. ތުރުކީގެ ޑިޒާސްޓާ އެންޑް އިމަޖެންސީ މެނޭޖްމަންޓް އޮތޯރިޓީގެ ޓީމުން އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ސަލާމާތްކުރުމުގެ މަސައްކަތް ފަށާފައިވާއިރު އިއްޔެ ވަނީ ދެ އަހަރުގެ ކުއްޖަކު ސަލާމަތްކޮށްފައެވެ.
އައިދާ ގެޒްގިން ނަމަކަށް ކިޔާ އެކުއްޖާ ފެނިފައިވާއިރު ރެސްކިއު ޓީމުން ވަނީ އެކުއްޖާ ސަލާމަތްވެފައިވަނީ އެގޭގެ ޑިޝްވޮޝާގެ ސަބަބުން ކަމަށް ބުނެފައެވެ.
ސަލާމަތް ކުރުމަށްފަހު ސްޓްރެޗާ ގައި އެމްބިއުލާންސަށް އެރުވިއިރު އައިދާ ދިޔައީ އޭނާގެ މަންމަ ކޮބައިތޯ ގޮވަމުންނެވެ.
ރެސްކިއު ޓީމުންވަނީ އައިދާ ސަލާމަތްކުރިތާ ކުޑައިރުކޮޅެއްފަހުން އައިރާގެ މަންމަގެ މަރުވެފައިވާ ހަށިގަނޑު ވެއްޓިފައިވާ އިމާރާތުގެ ދަށުން ނަގައިފައެވެ.
ބިންހެލުމުގައި ވެއްޓުނު އިމާރާތްތަކުގެ ދަށުން ގިނަ އަދަދެއްގެ މީހުންގެ ހަށިގަނޑު ނަގާފައިވާއިރު މަރުވި މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. މިހާތަނަށް 105 މީހުން މަރުވެފައިވެއެވެ. އަދި 1027 މީހަކަށް އަނިޔާވެފައިވާކަމަށް ތުރުކީގެ ޑިޒާސްޓާ އެންޑް އިމަޖެންސީ މެނޭޖްމަންޓް އޮތޯރިޓީގެ ޓީމުން ބުނެފައި ވެއެވެ.