ދުނިޔެ

ތުރުކީ އާއި ގްރީސްއަށް އައި ބިންހެލުމުގައި މިހާތަނަށް 16 މަރު

މުހައްމަދު އައުޒަމް

ބިންހެލުމުގައި ތުރުކީ އާއި ގްރީސް އިން މަރުވި މީހުންގެ އަދަދު 16 އަށް އަރައިފިއެވެ.

އަޖީއަން ކަނޑަށް އައި 7.0 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމާ ގުޅިގެން އެންމެ ބޮޑު ގެއްލުމެއް ވެފައިވަނީ ތުރުކީގެ އިޒްމީރް ޕްރޮވިންސަށެވެ. ބިންހެލުމުގެ އަސަރު ގްރީސްއަށް ވެސް ވަނީ ކޮށްފައެވެ.

ދެގައުމަށް އައި މި ބިންހެލުމާއެކު ގިނަ އިމާރާތްތަކެއް ވެއްޓިފައިވާ ކަމަށް ނޫސްތަކުން ބުނެފައިވެއެވެ. މިހާތަނަށް ދެގައުމުން މަރުވި މީހުންގެ ޖުމުލަ އަދަދު 16 އަށް އަރާފައިވާ އިރު، ގިނަ ބަޔަކު އަދިވެސް އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ތުރުކީގެ ޑީޒާސްޓާ އެންޑް އިމަޖެންސީ މެނޭޖްމަންޓުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މިހާތަނަށް 420 މީހަކަށް އެކިވަރުގެ އަނިޔާވެގެން ހޮސްޕިޓަލުތަކަށް ވަނީ ގެންދެވިފައެވެ.

އެ ހާދިސާއާ ގުޅޭގޮތުން ތުރުކީގެ އިޒްމީރްގެ މޭޔަރު ވިދާޅުވީ އެ ސިޓީގެ 20 އިމާރާތެއް ބިމާ ހަމަވެފައިވާ ކަމަށާއި މިހާތަނަށް 70 މީހަކު އިމާރާތްތަކުގެ ދަށުން ސަލާމަތް ކޮށްފައިވާ ކަމަށެވެ.

ބިންހެލުމަށްފަހު ތުރުކީއަށް ވަނީ ސުނާމީއެއް ވެސް އަރައިފައެވެ. ސުނާމީގައި މިހާތަނަށް މީހަކަށް އަނިޔާވެފައިވާ ކަމަށް އެގައުމުން އަދި ހާމަކޮށްފައެއް ނުވެއެވެ. އެގައުމަށް ސުނާމީ އަރާފައިވާ ވީޑިއޯތަކެއް ވެސް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ގްރީސްއަށް ބިންހެލުމުގެ އަސަރު ކޮށްފައިވަނީ ކުޑަކޮށެވެ. އެގައުމުގެ ސާމޯސް އައިލެންޑަށް ބިންހެލުމުގެ އަސަރުކޮށް ފާރެއް ވެއްޓި، ދެމީހުން މަރުވެފައިވާ ކަމަށް އެގައުމުން ރިޕޯޓު ކޮށްފައިވެއެވެ. ގްރީސްގެ އޮފިޝަލަކު ވިދާޅުވިގޮތުގައި އެގައުމުން މިހާތަނަށް ހަތަރު މީހަކަށް ވަނީ އަނިޔާވެފައެވެ.