މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް

ތަރިކައާއި ސަގާފަތް ރައްކާތެރިކުރުމާ ބެހޭ ގޮތުން އިންޑިއާގެ ވަފުދަކާ ރާއްޖެއިން މަޝްވަރާކޮށްފި

ޝަހީދާ އަބްދުﷲ ސައީދު

ރާއްޖޭގެ ތަރިކައާއި ސަގާފަތް ރައްކާތެރިކޮށް ބެލެހެއްޓުމާ ގުޅޭގޮތުން ރާއްޖެއިން އިންޑިއާގެ ހާއްސަ ވަފުދަކާ ހެރިޓޭޖް އެންޑް ކަލްޗާ މިނިސްޓްރީގެ އިސްވެރިން ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

އެ މިނިސްޓްރީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިދިޔަ ޑިސެންބަރު މަހު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ސަގާފީ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން އެއްބަސްވުމެއްގައި ސޮއިކުރެއްވި ކަމަށެވެ.

''މެމޮރަންޑަމް އޮފް އަންޑަރ ސްޓޭންޑިންގ އޮން ކަލްޗަރަލް ކޯޕަރޭޝަން'' ގައި އެމަނިކުފާނު ސޮއިކުރައްވާފައިވާ ކަމަށް ބަޔާނުގައި ވެއެވެ.

މި އެއްބަސްވުމުގެ ދަށުން ކަމާ ގުޅުންހުރި މާހިރުންގެ ޓީމެއް އިއްޔެ ރާއްޖެއަށް ވަޑައިގެން ހެރިޓޭޖްގެ އިސްވެރިންނާ ބައްދަލުކުރައްވައި، އަދި ކަމާ ގުޅުންހުރި އިދާރާތަކުގެ އިސް ބޭފުޅުންނާ ވެސް ބައްދަލުކުރައްވައި ރާއްޖެއާ ގުޅިގެން ކުރެވޭނެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށް ބަޔާނުގައި ވެއެވެ.

އަދި ތަރިކައާއި ސަގާފަތާއި ފަންނުވެރިކަމުގެ ދާއިރާއިން ކުރަމުންދާ މަސައްކަތްތަކުގައި އިންޑިއާގެ ފަންނުވެރިންނާ ގުޅިގެން ރާއްޖެއިން މަސައްކަތް ކުރާނެ ގޮތާ މެދު މަޝްވަރާކުރެއްވި ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އިންޑިއާގެ ވަފުދުގައި ގައުމީ ދާރުލްއާސާރުގެ ޑިރެކްޓަރު ޖެނެރަލް ބީއާރު މަނި، ނޭޝަނަލް މެނު ސްކްރިޕްޓް މިޝަންގެ ޑިރެކްޓަރު ޕްރަޓަޕަނަންޑް ޖާ އަދި އާކިއޮލޮޖިކަލް ސާވޭ އޮފް އިންޑިއާގެ ޖޮއިންޓް ޑިރެކްޓަރު ޖެނެރަލް ޖަންވިޖު ޝަރުމާ ހިމެނެއެވެ.

އަދި އެ ވަފުދުގެ އިތުރުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު އަކިލެސް މިޝްރާއާއި މިނިސްޓަރު ޔުމްނާ މައުމޫނާއި މިނިސްޓްރީގެ އިސް ބޭފުޅުން މަޝްވަރާގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.