ރާއްޖޭގެ އާސާރީ ތަންތަނާއި ތަރިކަ ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކޮންމެ ރަށެއްގައި ވެސް އާސާރީ ތަންތަނާއި ތަރިކައާ ބެހޭ މައުލޫމާތު ފޯރުކޮށްދޭނެ ވެބްސައިޓެއް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ބުނެފިއެވެ.
ޕީއެސްއެމް އިން ރޭ ގެސްދިން ''ރާއްޖެ މިއަދު'' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގު ވިދާޅުވީ ފާއިތުވެ ދިޔަ އަހަރުތަކުގައި ރާއްޖޭގެ ތަރިކައަށް އޮތީ އިހުމާލުވެފައި ކަމަށެވެ.
އަދި ފާއިތުވެދިޔަ އަހަރުތަކުގައި ރާއްޖެއަށް ލިބޭ އާމްދަނީ އެތައް ގުނައެއް ބޮޑުވެގެން ދިޔަ ނަމަވެސް އާސާރީ ތަންތަން ހިމާޔަތްކުރުމުގައި ރާއްޖެއިން ދިޔައީ ފަހަތަށްކަމަށް ތޯރިގު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ އެކި ރަށްރަށުގައި އާސާރީ ގިނަ ތަންތަން އެބަހުރި ކަމަށާއި އެތަންތަން ހިމާޔަތް ކުރުމަށް ރަށްރަށުގެ ކައުންސިލްތަކާ މަޝްވަރާކުރައްވާނެ ކަމަށެވެ. އެގޮތުން އަންނަން އޮތް ޖީލުތަކަށް ސަލާމާތްތެރިކަމާއެކު ތަރިކަތައް ފޯރުކޮށްދިނުމަށްޓަކައި ހަރުދަނާކޮށް ލިސްޓުކުރުމުގެ މަސައްކަތްތަކެއް މިހާރު ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ތޯރިގު ވިދާޅުވީ، އެ ނިޒާމުގެ ދަށުން ކޮންމެ ރަށަކާއި އެ ރަށެއްގެ އާސާރީ ތަންތަނާއި ތަރިކައިގެ މައުލޫމާތު ފޯރުކޮށްދިނުމަށް ހާއްސަ ވެބްސައިޓެއް ހަދައި، ރަށްރަށުގައި ހުރި ތަރިކައިގެ މައުލޫމާތު ދިނުމަށް ސެންޓަރުތަކެއް ޤާއިމުކުރާނެ ކަމަށެވެ.
އަދި އެކަން ކުރުމަށް އިސްރަށްވެހިންގެ އެހީތެރިކަން ހޯދާނެ ކަމަށް ވެސް ތޯރިގު ވިދާޅުވިއެވެ.