ދުނިޔެ

ވޯލްޑް ބޭންކުގެ ރައީސް ކުއްލިގޮތަކަށް އިސްތިއުފާދީފި

މުހައްމަދު އައުޒަމް

ވޯލްޑް ބޭންކުގެ ރައީސް ކުއްލިގޮތަކަށް އިސްތިއުފާދީފި އެވެ.

ވޯލްޑް ބޭންކުގެ ރައީސް ކަމުގައި ހަ އަހަރު ހިދުމަތް ކުރުމަށް ފަހު ޖިމް ޔޮންގ ކިމް އިސްތިއުފާ ދެއްވިކަން ކަށަވަރުކޮށްދެއްވާފައި ވަނީ އޭނާ ނެރުނު ބަޔާނެއްގަ އެވެ.

ކިމް އިސްތިއުފާ ދެއްވި ނަމަވެސް މަގާމުން ދުރުވާނީ އަންނަ ފެބްރުއަރީ މަހުގެ އެއްވަނަދުވަހު އެވެ.

2017 ވަނަ އަހަރު ކިމް ވަނީ ވޯލްޑް ބޭންކުގެ ރައީސް ކަމަށް ފަސް އަހަރުގެ މުއްދަތަކަށް އިންތިހާބު ކޮށްފައެވެ.

ކިމް އޭނާގެ ބަޔާނުގައި، ވޯލްޑް ބޭންކުގެ ރައީސްގެ މަގާމުގައި ހުރުމަކީ ލިބުނު ޝަރަފެއްކަމަށް ވަނީ ބުނެފައެވެ. އަދި ފަގީރުކަން ނައްތާލުމަށް ކުރެވުނު ހުރިހާ މަސައްކަތެއްގައި އެހީތެރިވި ހުރިހާ ފަރާތްތަކަށް ވަނީ ޝުކުރު ދަންނަވާފައެވެ.

ކިމްގެ ބަޔާނުގައި އޭނާ އިސްތިއުފާ ދެއްވި ސީދާ ސަބަބެއް ހާމަކޮށްފައެއްނުވެއެވެ.

ކިމްގެ އިސްތިއުފާއަށް ފަހު އެމަގާމާއި ވަގުތީގޮތުން ހަވާލުވާނީ ވޯލްޑް ބޭންކުގެ ސީއީއޯ ކްރިސްޓަލީނާ ޖިއޯޖިވާއެވެ.