އިސްލާމިކް މިނިސްޓްރީ

ރާއްޖޭގައި އިސްލާމީ ހަޟާރަތު ފެތުރުނަ ނުދިނުމަށް މަސައްކަތްކުރާތީ ކަންބޮޑުވޭ: އާދަމް ޝަރީފު

ޝަހީދާ އަބްދުﷲ ސައީދު

1

ރާއްޖޭގައި އިސްލާމީ ވަހުދަތާއި އިސްލާމީ ހަޟާރާތް ފެތުރުނަ ނުދިނުމަށް މަސައްކަތްކުރާކަމަށް ވިދާޅުވެ، ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އާދަމް ޝަރީފުގެ ފޭސްބުކު ޕޭޖުގައި މިއަދު ވިދާޅުވެފައިވަނީ ރާއްޖޭގައި އިސްލާމީ ވަހުދަތާއި އިސްލާމީ ހަޟާރާތް ފެތުރުނަ ނުދިނުމަށް ކުރާ މަސައްކަތްތަކާ ދެކޮޅަށް ''އިސްތިރާޖީ'' އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަަށެވެ.

އަދި އެމަސައްކަތުގައި ސަރުކާރާއި ޖަމްއިއްޔާ، ޖަމާއަތްތަކާއި އިލްމުވެރިންނާއި މީޑިއާތަކުގެ އިތުރުން އާންމުން ވެސް ބައިވެރިވާންޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި ހުރިހާ ކަމެއްގައިވެސް އާންމުންނާއި އެކަމާ ގުޅުންހުރި ފަރާތްތަކުގެ މަޝްވަރާ ހޯދުން ވަރަށް މުހިންމު ކަމަށްވެސް އާދަމް ޝަރީފު ވިދާޅުވިއެވެ.

ރާއްޖޭގައި އިސްލާމީ ހަޟާރާތް ފެތުރުނަ ނުދިނުމަށް މަސައްކަތް ކުރާކަމަށް އާދަމް ޝަރީފު ތުހުމަތުކުރެއްވި އިރު، މާލޭގައި ހަދަމުންދާ ސަލްމާން މިސްކިތަކީ ހުތުރުމިސްކިތެއް ކަމަށާއި، އެ މިސްކިތުގެ ސަބަބުން އެއާޕޯޓްގެ ރީތިކަމަށް ހުރަސްއެޅޭ ކަމަށް ދާދިފަހުން އާނިޔާ ވަނީ ބުނެފައެވެ.

އަދި އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާއީލް އިއްޔެ ވަނީ މާލޭގައި މިސްކިތްތައް މާގިނަކަން ފާހަގަކުރެވޭ ކަމަށް ވިދާޅުވެ، އެތަންތަނުގައި ބިލްޑިންގްތައް ހެދުމަށް ފެންނަ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟