އިންޑޮނޭޝިއާއަށް 7.5ގެ މެގްނެޓިއުޑްގައި އައި ބިންހެލުމަށްފަހު އުފެދުނު ސުނާމީގައި މިހާތަނަށް 800 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް ސަތޭކަ ބަޔަކު ގެއްލިއްޖެއެވެ. އިންޑޮނޭޝިއާގެ ސުލަވެސި އައިލެންޑުގެ ޕަލޫ އަދި ޑޮންގަލާ ސަރަހައްދަށް އެރި މި ސުނާމީގައި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
މީހުން ސަލާމަތް ކުރާ ޓީމުތަކުން ވަނީ ބިންހެލުމާއި ސުނާމީއަށް ފަހު ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ފަށައިފައެވެ. ލިބުނު ގެއްލުމުގެ ބޮޑުކަމުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ.
އިންޑޮނޭޝިއާގެ ސަލާމަތީ ފަރާތްތަކާއި ކުއްލި ހާލަތުގައި މަސައްކަތް ކުރާ ޓީމުތައް މިހާރު ވަނީ ގެއްލުން ލިބުނު ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންނެވެ. މީހުން ސަލާމަތް ކުރާ ޓީމުތަކުން ވަނީ އިމާރާތްތަކުގައި ދަށުގައި ވަޅުލެވިފައިވާ މީހުން ސަލާމަތް ކުރަމުންނެވެ. އަދި ހާލުގައި ޖެހުނު ސަރަހައްދުތަކުގައި މޯބައިލް ހޮސްޕިޓަލްތައް ވެސް ވަނީ ގާއިމްކޮށްފައެވެ. ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ބޭނުންވާ ފެނާއި ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ކުރަމުންދެއެވެ.
އިންޑޮނޭޝިއާގެ ނެޝަނަލް ޑިޒާސްޓާރ މެނޭޖްމަންޓް އެޖެންސީގެ ތަރުޖަމާނު ވިދާޅުވީ ސުނާމީގައި އެންމެ ބޮޑެތި ގެއްލުން ލިބުނު ސުލަވެސި އައިލެންޑުގެ ޕަލޫ އަދި ޑޮންގަލާގެ ތެރެއިން ޑޮންގަލާގައި މަރުވީ 11 މީހުން ކަމަށެވެ. ބާކީ ތިބި އެންމެން މަރުވެފައިވަނީ ޕަލޫ އިންނެވެ.
އިންޑޮނޭޝިއާގެ އޮފިޝަލުން ވަނީ މަރުވި މީހުންގެ އަދަދު ގިނަވާނެ ކަމަށް ބަލައި ފިޔަވަޅުތައް އަޅަން ފަށައިފައެވެ.