ޚަބަރު

ސުނާމީގައި މަރުވި މީހުންގެ ހަނދާނުގައި ސުކޫތެއް ބާއްވައިފި

ފާތިމަތު ލިޔުޝާ

ރާއްޖެއަށް 2004 ގައި ކުރިމަތިވި ސުނާމީ ކާރިސާއާ ގުޅިގެން ފާހަގަކުރަމުން އަންނަ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކޮށް، ސުނާމީ ކާރިސާގައި މަރުވި މީހުންނާއި ގެއްލުނު މީހުންގެ ހަނދާނުގައި މިއަދު ހެނދުނު ސްކޫތެއް ބާއްވައިފިއެވެ.

އެ ކާރިސާ ހިނގި ކަމަށް ރިކޯޑުކޮށްފައިވަނީ 2004 ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުގެ ހެނދުނު 9:23ގައެވެ.

އެ ސުކޫތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި ނައިބު ރައީސްގެ އިތުރުން ކެބިނެޓުގެ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިންނާއި ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ ގިނަ އޮފީސްތަކުގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުން ވެސް ވަނީ މި ސުކޫތުގައި ބައިވެރިވެފައެވެ.

އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް މި ސުކޫތު ބާއްވައެވެ.

ސުނާމީ ކާރިސާއަށްފަހު ރާއްޖޭގައި ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަސް ފާހަގަކުރަނީ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައެވެ.

އެ ހާދިސާގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން 83 މީހަކު މަރުވެ، 26 މީހަކު ގެއްލުނެވެ. އަދި ސުނާމީގައި ރާއްޖޭ 191 ރަށަކަށް ގެއްލުން ލިބުނު އިރު، 15،000 މީހުންގެ ގެދޮރު ގެއްލި، 13 ރަށެއްގެ މީހުން އެހެން ރަށަކަށް ބަދަލުކުރަން ޖެހުނެވެ.