ރާއްޖެއަށް 2004 ގައި ކުރިމަތިވި ސުނާމީ ކާރިސާއާ ގުޅިގެން ފާހަގަކުރަމުން އަންނަ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅުވައިގެން "ވިލުންތެރި 20" ގެ ނަމުގައި ހާއްސަ މައުރަޒެއް ބާއްވަން ނިންމައިފިއެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް (އެންޑީއެމްއޭ) އިން ބުނީ، މި މަހުގެ 26 އިން 29 ގެ ނިޔަލަށް ނެޝަނަލް އާޓް ގެލަރީގައި ބާއްވާ އެ މައުރަޒުގެ މަގުސަދަކީ ސުނާމީ ކާރިސާގައި އިޖާބަދިން އެންމެހާ ފަރާތްތަކުގެ އަގުވަޒަންކޮށް، އެ ދަނޑިވަޅުގައި ދިވެހިން ދެއްކި އެއްބައިވަންތަކަމުގެ ހަނދާން އާކުރުން ކަމަށެވެ. އަދި ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް މިހާތަނަށް ހާސިލުކުރެވިފައިވާ ކުރިއެރުންތައް ދައްކާލުންވެސް އެ މައުރަޒުގައި ކުރިއަށްދާނެ ކަމަށް ބުންޏެވެ.
އާންމުންނަށް ހުޅުވާލައިގެން ބާއްވާ އެ މައުރަޒު އިންތިޒާމުކުރުމުގައި ޔުނައިޓެޑް ނޭޝަންސް އޮފީސް ފޯ ޑިޒާސްޓާ ރިސްކް ރިޑަކްޝަން (ޔޫއެންޑީއާރުއާރު) އާއި ކާރިސީ ހިރާސް ކުޑަކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ އެހެނިހެން މުއައްސަސާތައް ވެސް ބައިވެރިވެއެވެ.
ސުނާމީ ކާރިސާގައި ރާއްޖެއިން 83 މީހަކު މަރުވެ، 25 މީހަކު ގެއްލިފައިވެއެވެ. އެ ކާރިސާގައި ރާއްޖޭގެ ނުވަ ރަށެއް ފިޔަވާ އެހެން ހުރިހާ ރަށަކަށް އެކި ވަރުގެ ގެއްލުން ލިބުނެވެ. ބައެއް ރަށްރަށް އެއްކޮށް ހަލާކުވިއެވެ.