މުހައްމަދު އައުޒަމް
ތައިލެންޑުގައި ކުރިޔަށްދާ މުޒާހަރާތަކުގެ ކަވަރޭޖް ގެނެސްދިން ޓީވީ ސްޓޭޝަނެއް ސަސްޕެންޑު ކޮށްފިއެވެ.
ތައިލެންޑުގެ ސަރުކާރުން ސަސްޕެންޑު ކޮށްފައިވަނީ އެގައުމުގައި އޮންލައިންކޮށް ޓީވީގެ ހިދުމަތް ދެމުން އަންނަ ވޮއިސް ޓީވީ އެވެ.
ތައިލެންޑުގެ ޑިޖިޓަލް މިނިސްޓްރީގެ ސްޕޯކްސް ޕާސަން މީޑިއާއަށް މައުލޫމާތު ދެއްވަމުން ވަނީ ވޮއިސް ޓީވީ އިން އެގައުމުގެ ކޮމްޕިއުޓާ ކްރައިމް ގާނޫނާ ހިލާފުވެފައިވާ ކަމަށް ވިދާޅުވެފައެވެ.
ތައިލެންޑުގެ ސަރުކާރާއި ދެކޮޅަށް އެގައުމުގެ މަގުތަކުގައި ކުރަމުންގެންދާ މުޒާހަރާތައް ހުއްޓުވުމަށް ކުރަމުން އަންނަ މަސައްކަތަށް ހުރަސް އަޅާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަން މީގެކުރިން ސަރުކާރުން ވަނީ އިންޒާރު ދީފައެވެ.
ވޮއިސް ޓީވީގެ ޗީފް އެޑިޓަރު ވަނީ އެޓީވީ ސަސްޕެންޑު ކުރި ނަމަވެސް ކޯޓު އަމުރު ލިބެންދެން ޓްރާންސްމިޝަން މެދު ނުކަނޑައި ކުރިޔަށް ގެންދާނެކަމަށް ބުނެފައެވެ.
ސަރުކާރުން ވަނީ އިތުރު ތިން މީޑިއާއެއްގެ މައްސަލަ ތަހުގީގު ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވެސް ބުނެފައެވެ.