އެންޓި ކޮރަޕްޝަން ކޮމިޝަން

ވެންޓިލޭޓަރުގެ މައްސަލައިގައި މިނިސްޓަރު އަމީން ހިމެނޭގޮތަށް 11 މީހަކަށް މައްޗަށް ދައުވާކުރަން ފޮނުވައިފި

އިބްރާހިމް ޒަކީ

4

ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ހެލްތު މިނިސްޓަރު އަބުދުﷲ އަމީންގެ މައްޗަށް ދައުވާކުރަން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނީ، ދައުވާކުރަން ފޮނުވި މީހުންގެ ތެރޭގައި ބިޓް ކޮމިޓީގެ މެންބަރުންވެސް ހިމެނޭ ކަމަށެވެ.

ވެންޓިލޭޓަރާގުޅޭ މައްސަލައިގައި، އެކި ކަންކަމަށް އިހުމާލު ވުމުގެ ސަބަބުން، އެކި މައްސަލަތަކުގައި ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުއްވި ބޭފުޅުން:

  • މިނިސްޓާ އޮފް ހެލްތު އަބުދުﷲ އަމީން
  • ޑެޕިޔުޓީ މިނިސްޓަރ، ނިޝާމާ މުހައްމަދު
  • ޑެޕިއުޓީ މިނިސްޓަރ، ޝިޔާމާ މުހައްމަދު،
  • ޑިރެކްޓަރ، ނައުޝާދު އަލީ
  • ޑިރެކްޓަރ (ފައިނޭންސް އެގްޒެކްޓިވް) އަހުމަދު އަސްލަމް
  • ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް، ޢަބްދުﷲ ޝަރީފް
  • އެސިސްޓެންޓް ޑިރެކްޓަރ ފާތިމަތު ލިމްޔާ
  • އެސިސްޓެންޓް ޑައިރެކްޓަރ އަބްދުﷲ ހަފީޒް
  • ލީގަލް އޮފިސަރު އަލީ ޝިހާމް
  • އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރު ހުސައިން ނިޔާޒް
  • ބިޑް ކޮމިޓީގެ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އާމިނަތު ޝައުފާ

އޭސީސީން ބުނެފައިވަނީ، މި މައްސަލައަކީ އެ ކޮމިޝަނުން މިހާތަނަށް ތަހުގީގުކުރި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކަށް ބަލާއިރު ނިސްބަތުން އެންމެބޮޑު އެއް މައްސަލަ ކަމަށެވެ.

ނަމަވެސް އެއީ އެންމެ އަވަހަށް ތަހުގީގުކޮށް ނިންމާފައިވާ މައްސަލަކަން ފާހަގަކުރެވޭ ކަމަށްވެސް ބުނެފައި ވެއެވެ.

މި މައްސަލަ ތަހުގީގުކުރުމުގައި ތަހުގީގު ޓީމުން ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، ތަހުގީގަށް ބޭނުންވާ މައުލޫމާތާއި ލިޔެކިޔުންތައް ހޯދުމަށްޓަކައި ދައުލަތުގެ އިދާރާތައް ހިމެނޭހެން، ތަފާތު އަަށް އިދާރާއަކުން މައުލުމާތު އެއްކޮށްފައިވާ ކަމަށް އޭސީސީން ބުނެއެވެ.

މި މައްސަލައާ ގުޅިގެން، ޖުމުލަ 1600 ޑޮކިއުމެންޓަކާއި، 500 އީމެއިލް ބެކަޕް، ތަހުގީގު ޓީމުން ދިރާސާކޮށް އެނެލައިޒްކޮށްފައިވާ ކަމަށާއި، މީގެތެރޭގައި މި މައްސަލައާ ގުޅުން ހުރި އެކި ފަރާތްތަކުގެ ގިނަ އަދަދެއްގެ ބޭންކް އެކައުންޓްތަކާގުޅޭ މައުލޫމާތު ވެސް ހިމެނޭ ކަމަށް އޭސީސީން ބުނެފައި ވެއެވެ.

މީގެ އިތުރުން، މި މައްސަލައާ ގުޅުން ހުރި ފަރާތްތަކުގެ ޖުމުލަ 36 ބަޔާނެއް ނަގާފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

މި މައްސަަލައަކީ، ކޮވިޑް 19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ދުބާއީގެ އެގްޒިކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން ގަނެގެން ރާއްޖެ ގެންނަން މަސައްކަތްކުރި ވެންޓިލޭޓަރުތަކުގެ މައްސަލައިގައި، ބޮޑެތި އޮޅުވާލުންތަކެއް ހިމެނޭކަން، އޮޑިޓް ރިޕޯޓުން ހާމަ ކުރުމާ ގުޅިގެން އޭސީސީން ބަލައި ތަހުގީގު ކުރި މައްސަލައެކެވެ.

މި މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވެސް ކުރިއަށް ގެންދާ މައްސަލައެކެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟