އެޕަލް ކުންފުނީގެ އެންމެ ފަހުގެ ފްލެގްޝިޕް ފޯނު އައިފޯން 12 ނެރެފި އެވެ.
އައިފޯން 12 ނެރުމަށް އެޕަލް އިން ބޭއްވި ހާއްސަ އޮންލައިން އިވެންޓުގައި އެކުންފުނީގެ ސީއީއޯ ޓިމް ކުކް ވަނީ އައިފޯން 12 ގައި ފަހުގެ ޓެކްނޮލޮޖީ 5ޖީ ހިމެނޭކަން ހާމަކޮށްފަ އެވެ.
ހަފްލާގައި އައިފޯން 12ގެ ހަތަރު މޮޑެލްއެއް ވަނީ ދައްކާލައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 5.4 އިންޗިން ފެށިގެން 6.7 އިންޗީގެ ފޯނުތަކެކެވެ. އޭގެ އިތުރުން އައިފޯން 12ގެ އަގުހެޔޮ ފޯނެއް ވެސް މިފަހަރު ބާޒާރަށް ނެރޭނެ އެވެ. އެ ފޯނުތައް ފަސް ކުލައަކުން ލިބޭނެ އެވެ. އެއީ ކަޅާއި ހުދުގެ އިތުރުން ފެއްސާއި ރަތް އަދި ނުލެވެ.
އެޕަލް އިން ކަސްޓަމައިޒް ކޮށްފައިވާ ސުޕާ ރެޓިނާ އެކްސް ޑީ އާރް ޑިސްޕްލޭ ހިމެނޭ އައިފޯން 12ގައި 5ޖީ އަށް ހާއްސަ އައިއޯއެސް އެއް ތައާރަފްކޮށްފައިވެ އެވެ. އަދި އައިފޯން 12ގައި މިފަހަރު ހިމަނާފައިވަނީ ބާރުގަދަ އޭ14 ބައޯނިކް ޗިޕެކެވެ. އައިޕެޑް އެއާގައި ވެސް ހިމެނޭ މި ޗިޕުގެ ސަބަބުން އާ އައިފޯން އެހެން ފޯނުތަކަށް ވުރެން އެތަކެއް ގުނައަށް އަވަސް ވާނެ ކަމަށް އެޕަލް އިން ބުނެ އެވެ.
އައިފޯން 12ގެ ކެމެރާއަށް ބަލާއިރު އެއީ އައިފޯނެއްގައި އެޕަލް އިން މިހާތަނަށް ހިމަނާފައިވާ އެންމެ ބާރުގަދަ ކެމެރާ އެވެ. ޑުއަލް ކެމެރާ ހިމެނޭ އައިފޯން އިން އަލްޓްރާ ވައިޑް 120 ޑްގްރީ ފޮޓޯ ނެގޭނެ އެވެ. މިފަހަރުގެ ކެމެރާގެ އެންމެ ހާއްސަ އެއް ކަމަކީ ކެމެރާއިން ލޯލައިޓް ފޮޓޯ ނެގޭނެ ޓެކްނޮލޮޖީ އެވެ. މި ކެމެރާއިން އެޕޭޗާ 1.6 އަށް ދަށްކޮށްލެވޭނެ ކަމަށް އެޕަލް އިން ބުނެ އެވެ.
އެޕަލް އައިފޯން 12ގެ ވަޔަލެސް ޗާޖިން އަށް ވަނީ އިތުރު ފުރިހަމަ ކަމެއް ގެނެސްފަ އެވެ. އެޕަލް އިން ތައާރަފް ކޮށްފައިވާ މެގްސޭފް އޮލެޓް ފޯނުގެ ފަހަތުގައި މެގްނެޓިކް ބޭނުންކޮށް ތަތްކޮށްލެވޭނެ އެވެ. އަދި ރައްކާތެރިކަމާއެކު ވަޔަލެސްކޮށް ފޯން ޗާޖުކޮށްލެވޭނެ އެވެ.
އައިފޯން 12ގެ މިނީ ފޯނަކީ ވެސް މިފަހަރު ފާހަގަކޮށްލެވޭ ފޯނެކެވެ. 5.4 އިންޗި ޑިސްޕްލޭ އެއް ހިމެނޭ އައިފޯން 12 މިނީގައި އައިފޯން 12ގެ ހުރިހާ ފީޗާ އެއް ހިމެނޭނެ އެވެ. އެ ފޯނުގެ އަގަކީ 699 ޑޮލަރެވެ.
އައިފޯން 12ގެ އެންމެ ހާއްސަ ފޯން އައިފޯން 12 ޕްރޯއަކީ އެޕަލް އިން މިހާތަނަށް އުފެއްދި އެންމެ ވަރުގަދަ ފޯނެވެ. ފޮޓޯ ނަގާ މީހުންނާއި ވީޑިއޯ ނެގުމަށް ހާއްސަ އެ ފޯނަކީ މިހާތަނަށް އެންމެ ވަރުގަދަ ކެމެރާ ހިމެނޭ ފޯނު ކަމަށް އެޕަލް އިން ބުނެ އެވެ. އައިފޯން 12 ޕްރޯގައި 6.1 އިންޗީގެ ރެޓިނާ އެކްޑީއާރް ޑިސްޕްލޭ އެއް އަދި އައިފޯން 12 ޕްރޯ މެކްސްގައި 6.7 އިންޗީގެ ޑިސްޕްލޭއެއް ހިމެނެ އެވެ.