ބޭރޫތުގައި ތެޔޮ ޓޭންކެއް ގޮވައި ހަތަރު މީހުން މަރުވެއްޖެއެވެ.
ލުބުނާނުގެ ވެރިރަށް ބޭރޫތުގެ އިމާރާތެއްގެ ތެރޭގައި ތެޔޮ ރައްކާތެރިކުރުމަށް ހަދާފައި ހުރި ޑީސަލް ޓޭންކު ގޮވުމުގެ ހާދިސާގައި އިތުރު 30 މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށް އެގައުމުގެ ރެޑް ކްރޮސް އާއި ހަވާލާދީ ނޫސްތަކުން ބުނެއެވެ.
ބޭރޫތުގެ ތާރިގް ޖިއްދާ ސަރަހައްދުގައި ހިނގި އެހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ސާފުވެފައެއް ނުވެއެވެ.
ލުބުނާނުގެ ގައުމީ ނިއުސް އެޖެންސީން ވަނީ މިހާދިސާ ހިނގާފައިވަނީ ބޭކަރީއެއް ހިމެނޭ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއެއްގެ ސަބަބުން ކަމަށް ބުނެފައެވެ.
މަންޒަރު ދުށް މީހަކު ބުނީ ހާދިސާ ހިނގުމާއެކު އެކި ތަންތަނަށް އެއްޗެހި ބުރައިގެން ދިޔަކަމަށާއި މީހުންގެ ހަޅޭކާއި ރުއިމުގެ އަޑުން މުޅި ސަރަހައްދު ގުގުމާލި ކަމަށެވެ.
ބޭރޫތުގައި މީގެ ދެމަސް ކުރީންވެސް ވަނީ ނުރައްކާތެރި ހާދިސާއެއް ހިނގައި 200 އަށްވުރެ ގިނަ މީހުން މަރުވެފައެވެ. އެހާދިސާގައި ބޭރޫތުގެ ޕޯޓުގައި ހުރި ކެމިކަލް ގުދަނެއް ގޮވައި އެއަވަށުގެ ތިންބައިކުޅަ އެއްބަޔަށް ބޮޑެތި ގެއްލުންތަކެއް ވެފައި ވެއެވެ.