ރާއްޖޭގެ އެންމެ މަގުބޫލު އެއް ޕްރެޒެންޓަރު ކަމަށްވާ މޫސާ ވަސީމް، ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް (ޕީއާރު) އެންޑް ކޮމިއުނިކޭޝަން މެނޭޖަރުގެ މަގާމަށް ހަމަޖައްސައިފި އެވެ.
މޫސާ ވަސީމް މިއަދު މޯލްޑިވިއަންގެ ޕީއާރު އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރު ކަމަށް ހަމަޖައްސާފައިވާއިރު އޭނާއަށް ވަނީ މޯލްޑިވިއަންގެ ފަރާތުން މަރުހަބާ ކިޔާފައެވެ.
މޫސާ ވަސީމް އަކީ މީގެކުރީން އެތައް އަހަރެއް ވަންދެއް ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކޮށްފައިވާ ފަރާތެކެވެ.
އެންމެ ފުރަތަމަ މޫސާ މަސައްކަތް ކުރަން ފެށީ 2004 ވަނަ އަހަރުގަ ޓީވީއެމްގައި ޕާޓް ޓައިމް ޕްރެޒެންޓަރެއްގެ ގޮތުގައެވެ.
އެއަށްފަހު ޓީވީއެމްގައި ނޫސްވެރިކަމުގެ ދާއިރާގައި ގިނަ މަގާމުތަކެއްގައި އޭނާ ވަނީ މަސައްކަތްކޮށްފައެވެ. އޭނާގެ އެންމެ ފާހަގަކުރެވޭ މަސައްކަތްތަކުގެ ތެރޭގައި ރާއްޖޭގައި ބޭއްވި އެންމެ ބޮޑު ރިއެލިޓީ ޓީވީ ޝޯ "މޯލްޑިވިއަން އައިޑަލް"ގެ ތިން ސީޒަން ހޯސްޓުކުރުން ހިމެނެއެވެ.