ކުއްލި ޚަބަރު

ކުވޭތުގެ އަމީރު އުމުރުފުޅުން 91 އަހަރުގައި އަވަހާރަވެއްޖެ

އަލީ ޔާމިން

ކުވޭތުގެ އަމީރު ޝައިހް ސަބާހް އަލް އަހުމަދު އަލް ޖަބީރު އަލް ސަބާހް އަވަހާރަވެއްޖެއެވެ.

ޝައިހް ސަބާހް އަވަހާރަވި އިރު، އުމުރުފަޅަކީ 91 އަހަރެވެ. ކުވޭތުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެމަނިކުފާނު އަވަހަރާވެފައިވަނީ އެމެރިކާގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

އެރެބް ނިއުސްގައިވާ ގޮތުން، ޝާހީ އާއިލާއަށް ކަނޑައަޅުއްވާފައި ހުންނަވާ ވަޒީރު، ޝައިހް އަލީ ޖައްރާ އަލް ސަބާހް ވަނީ ކުވޭތުގެ އަމީރު އަވަހާރަވިކަން މިޑީއާތަކަށް ކަށަވަރުކޮށްދެއްވައިފައެވެ. އަދި އޭނާ ވަނީ އެކަމާ ހިތާމަފާޅު ކުރައްވާ ކަމަށްވެސް ވިދާޅުވެފައެވެ.

ޝައިހް ސަބާހް އުފަންވެވަޑައިގެންނެވީ 1929 ވަނަ އަހަރުގައެވެ. އެމަނިކުފާނު ވަނީ ކުވޭތުގެ ފޮރިން މިނިސްޓަރުކަން 40 އަހަރަށް ކުރައްވައިފައެވެ. އަދި ޝައިހް ސަބާހަކީ ކުވޭތުގެ އުމްރާނީ ތަރައްގީގައި މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.

ކުވޭތުގެ އަމީރު ކަމާ ޝައިހް ޝަބާހް ހަވާލުވެވަޑައިގެންނެވީ، ކުވޭތުގެ އަމީރުކަމުގައި ހުންނެވި ޝައިހް ޖަބާ އަލް ސަބާހް 2006 ވަނަ އަހަރު އަވަހާރަވުމާ ގުޅިގެންނެވެ. އެގޮތުން ކުވޭތުގެ އަމީރުކަމާ ޝައިހް ޝަބާހް ހަވާލުވެވަޑައިގެންނެވީ 2006 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

ޝައިހް ސަބާހު އަވަހާރަވުމާ ގުޅިގެން ކުވޭތުގެ އަމީރުކަމަށް ދެން ވަޑައިގަންނަވާނީ ވަލީ އަހުދު ނަވާފް އަލް އަހުމަދު އަލް ޖަބީރު އަލް ސަބާހެވެ.