ޝަހީދާ އަބްދުﷲ ސައީދު
ކުރީގެ ދިރާގު އިމާރާތް ހުރި ތަނުގައި ކަޅުވަކަރު މިސްކިތް ބަހައްޓަން ނިންމާފައިވަނީ ނަމާދުވެސް ކުރެވޭ ގޮތަށް ކަމަށާއި ނަމަވެސް އެކަމާމެދު ދީނީ ޚިލާފެއް އުފެދޭނަމަ އެކަމާ ވިސްނާނެ ކަމަށް ހެރިޓޭޖް އެންޑް ކަލްޗާ މިނިސްޓްރީން ބުނެފިއެވެ.
އިސްލާމީ މަރުކަޒާ އިންވެގެން ނަމާދުކުރެވޭ ގޮތަށް ކަޅުވަކަރު މިސްކިތް ބެހެއްޓުމަކީ ރަނގަޅުކަމެއް ނޫން ކަމަށް ދީނީ އިލްމުވެރިން ވިދާޅުވެފައިވާތީ، ''ވަންއޮންލައިން''އަށް ދެއްވި އިންޓަވިއުއެއްގައި ހެރިޓޭޖް އެންޑް ކަލްޗާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގު ވިދާޅުވީ ކަޅުވަކަރު މިސްކިތް ބަހައްޓަން ނިންމާފައި އޮތީ ބޭނުން މީހަކަށް ނަމާދު ވެސް ކުރެވޭ ގޮތަށް ކަމަށެވެ.
އިސްލާމީ މަރުކަޒާ އިންވެގެން ކަޅުވަކަރު މިސްކިތް ބެހެއްޓުން ރަނގަޅު ނޫންކަމަށް އިލްމުވެރިން ދައްކަވާ ވާހަކަފުޅުތަކާ ގުޅިގެން ތޯރިގު ވިދާޅުވީ، އިލްމުވެރިން އެހެންވިދާޅުވާ ނަމަ އެކަމާ އިތުރަށް ވިސްނަވާނެ ކަމަށެވެ. އަދި އިލްމުވެރިންގެ ބަހަށް ޖަދަލުކޮށް ދީނީ ކަންކަމަށް ފުށުއަރާ ގޮތަށް މިސްކިތް ބަހައްޓަން ބޭނުން ނުވާ ކަމަށް ވެސް ތޯރިގު ވިދާޅުވިއެވެ.
''ނަމާދުކުރެވޭ ގޮތަށް މިސްކިތް ބަހައްޓަން ވިސްނުން ހުރީ. އެކަމަކު އިލްމުވެރިންގެ ބަހަށް ޖަދަލުކޮށް ގޮންޖަހާފައި އެކަން ކުރުމުގެ ވިސްނުމެއް ނެތް. އިލްމުވެރިން އެގޮތަށް ވިދާޅުވާ ނަމަ ދެން ޖެހޭނީ އިލްމުވެރިންގެ ބަސް ހޯދުމަށްފަހު އިތުރަށް ވިސްނަން.'' ތޯރިގު ވިދާޅުވިއެވެ.
ތޯރިގު ވިދާޅުވިގޮތުގައި ކަޅުވަކަރު މިސްކިތުގައި ބޭނުން މީހަކަށް ނަމާދުކުރެވޭ ގޮތަށް ހަމަޖެއްސި ނަމަވެސް ފާޚާނާ އާއި އިސްކުރުބަރިއެއް ނުހުންނާނެއެވެ. އަދި ވުޟޫކުރަން ޖެހޭނީ ދާނިން ފެންނަގައިގެންނެވެ.
އޭނާ ވިދާޅުވީ ދާރުލްއާސާރު ކައިރީ ކަޅުވަކަރު މިސްކިތް ބަހައްޓަން ނިންމީ ދާރުލްއާސާރަށް ޒިޔާރަތްކުރާ ފަރާތްތަކަށްވެސް އާސާރީ މިސްކިތެއް ފަސޭހަކަމާ އެކު ބަލައިލެވޭނެ މަގުފަހިކޮށްދިނުމަށް ކަމަށެވެ. އަދި ކަޅުވަކަރު މިސްކިތް އެސަރަހައްދުގައި ބަހައްޓާއިރު އެއީ އާސާރީ އަދި ވަރަށް ގަދަރުވެރި ބިނާއެއް ކަމުން މިސްކިތް ކުރިން ހުރި ސަރަހައްދުގައި ބެހެއްޓުމަށް ހެރިޓޭޖުން ނިންމީ ކަމަށް ވެސް ތޯރިގު ވިދާޅުވިއެެވެ.
ނަމާދުކުރާ ތަނެއްގެ ގޮތުގައި އިސްލާމީ މަރުކަޒު ކައިރީ ކަޅުވަކަރު މިސްކިތް ބެހެއްޓުމަކީ ރަނގަޅުކަމެއް ނޫން ކަމަށް ދީނީ ބައެއް އިލްމުވެރީން ގެންދަވަނީ ވިދާޅުވަމުންނެވެ.