އަލީ ޔާމިން
ގެސްޓްހައުސް އޮޕަރޭޓްކުރާ ރަށަކުން ހާއްސަ ހާލަތުގައި ކަރަންޓީނު ނުވެ ދަތުރުކުރެވޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު ޓޫރިޒަމާ ގުޅޭ ގައިޑްލައިނުގައި ބުނެފިއެވެ.
އެ ގައިޑްލައިންގައި ބުނީ ފަތުރުވެރިންނަށް ހިދުމަތްދޭ ގެސްޓްހައުސް ހިންގާ ރަށަކުން، ގެސްޓްހައުސް އޮޕަރޭޓު ނުކުރާ ރަށަކަށް ދާނަމަ، 14 ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަކޮށް ޕީސީއާރު ޓެސްޓު ހަދަން ޖެހޭނެ ކަމަށެވެ. ނަމަވެސް ބައެއް ހާއްސަ ހާލަތްތަކުގައި ކަރަންޓީނު ނުވެ ދަތުރުކުރެވޭނެ ކަމަށް ބުންޏެވެ. އެގޮތުން ސިއްހީ ބޭނުމަކަށް ނުވަތަ އެފަދަ އެނޫންވެސް ޒަރޫރީ ބޭނުމަކަށް ގެސްޓްހައުސް ހިންގާ ރަށަކުން ގެސްޓްހައުސް އޮޕަރޭޓު ނުކުރާ ރަށަކަށް ދަތުރު ކުރާނަމަ ކަރަންޓީންވާކަށް ނުޖެހޭނެއެވެ.
އެފަދަ މީހުން ކަރަންޓީންވާން ނުޖެހުނަސް، ގެސްޓްހައުސް ހިންގާ ރަށުގައި އެމީހުން އުޅެން ޖެހޭނީ މާސްކް އަޅައިގެން އަދި ވީހާވެސް މީހުންނާ ބައްދަލުނުވާނެ ގޮތަށް ކަމަށް ގައިޑްލައިންގައިވެއެވެ. އަދި ގެސްޓްހައުސް ހިނގާ ރަށުގެ ކެފޭ ރެސްޓޯރެންޓުތަކުން ޑައިން އިންގެ ހިދުމަތް ހޯދުމުގެ ބަދަލުގައި ޓޭކްއަވޭ ނުވަތަ ޑެލިވަރީގެ ހިދުމަތް ހޯދުމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން ގައިޑްލައިނުގައި ބުނީ، ގެސްޓްހައުސްގައި މަޑުކުރުމަށްފަހު އެހެން ރަށަކަށް ދަތުރުކުރާނަމަ އަދި އާންމުންގެ ތެރޭ އުޅޭނަމަ 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަން ޖެހޭނެ ކަމަށެވެ.
ގެސްޓުހައުސްތަކަށް އަންނަ ފަތުރުވެރިން، ގެސްޓްހައުސް ހުންނަ ރަށުން ގެސްޓްހައުސް އޮޕަރޭޓު ނުކުރާ ރަށަކަށް ދަތުރު ނުކުރެވުނު ނަމަވެސް ގެސްޓްހައުސް ހިންގާ ރަށްރަށުގެ ދެމެދު ފަތުރުވެރިންނަށް ދަތުރު ކުރެވޭނެ ކަމަށާއި ރިސޯޓުތަކާއިި ގެސްޓްހައުސް ހިންގާ ރަށާ ދެމެދުވެސް ދަތުރުކުރެވޭނެ ކަމަށް ބުނެފައިވެއެވެ. އަދި ގެސްޓްހައުސް ހިންގާ ރަށެއްގައި ހުރި ފަތުރުވެރިޔާއަށް ސަފާރީއަކަށް ނުދެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.
މާލެ ފިޔަވައި ރަށްރަށުގެ ގެސްޓްހައުސްތައް ހުޅުވަން ހަމަޖައްސާފައިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުއެވެ.