ސްޓެލްކޯ

ރައްޔިތުންގެ އިތުބާރު ގެއްލޭ ދަށު ދަރަޖައިގެ އަމަލުތައް ނުހިންގުމަށް ޒުހޫރަށް ސްޓެލްކޯ އިން ގޮވާލައިފި

ސްޓެލްކޯގެ ތަސައްވަރަށް ކިލަނބުކަން އައިސް ކުންފުނިންދޭ ހިދުމަތާ މެދު ދިވެހި ރައްޔިތުންގެ ހިތްތަކުގައި ޝައްކާއި ވަހުމު އުފެއްދުމަށް މަސައްކަތް ނުކުރެއްވުމަށް ސްޓެލްކޯގެ ކުރީގެ ސީއީއޯ އަހްމަދު ޒުހޫރަށް އެކުންފުނިން ގޮވާލައިފިއެވެ.

ނިމިދިޔަ އަހަރުގެ ނޮވެމްބަރު 22ގައި ސްޓެލްކޯގެ ސީއީއޯ ކަމުން ވަކިކުރެއްވި ޒުހޫރު މިއަދު ވަނީ ސްޓެލްކޯގެ މުވައްޒަފުން ޒާތީ މަންފާ ހޯދުމުގެ އަމަލުތައް ކުރާކަމަށް ދޭހަވާގޮތަށް ތުހުމަތުކޮށް ޓުވީޓެއް ކޮށްފައެވެ.

އެ ޓުވީޓާ ގުޅިގެން ސްޓެލްކޯއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެކަންކަމަކީ އެކުންފުނީގައި ހިނގި އަދި އެފަދަ ކަމެއް ހިންގުމަށް ފުރުސަތުދޭ ކަންކަމެއް ނޫން ކަމުގައި ކަސްޓަމަރުންނާއި ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދޭ ކަމަށާއި އެފަދަ ނޭދެވޭ ކަމެއް ހިންގާފައިވާ ނަމަ، އެ ކުންފުނިން އެކަމެއް ބަލައި ތަހުގީގުކޮށް، އެ ފަރާތަކާ މެދު ފިޔަވަޅު އެޅުމަށް ފަސް ނުޖެހޭނެ ކަމަށެވެ.

"މިކުންފުނީގެ ރައްޔިތުންނަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގައި އަމަލުކުރަނީ މިކުންފުނީގެ ކަސްޓަމަރުންނާއި ރައްޔިތުންގެ އިތުބާރު ފުރިހަމަ ނިޒާމެއްގެ ތެރެއިން ހިދުމަތް ދިނުމާއި މެދުނުކެނޑި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ އަދި ވިޔަފާރި ކުންފުނިތައް ހިންގުމުގައި އަމަލުކުރާ ކޯޕަރޭޓް ގަވަނަސް ކޯޑާ އެއްގޮތްވާ ގޮތުގައި މަތިންނެވެ..،" ސްޓެލްކޯ އިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ސްޓެލްކޯގެ ނޫސްބަޔާނުގައި ބުނެފައިވަނީ ދައުލަތުގެ އިސް މަގާމުތަކާއި އެ ކުންފުނީގެ ސީއީއޯކަން ކުރައްވާފައިވާ ބޭފުޅެއް ސާބިތު ނުހިފޭ ދޮގު ވާހަކަތައް އެ ކުންފުންޏާއި މުވައްޒަފުން ބަދުނާމުކޮށް ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް ނަމަވެސް ދެއްކުމަކީ ނިހާޔަތަށް ކަންބޮޑުވާ ކަމެއް ކަމަށާއި ހަގީގަތާ ހިލާފަށް ދޮގު މައުލޫމާތު ފެތުރުމަކީ ކޮން މަސްލަހަތެއްގެ ހިމާޔަތުގައި ކުރައްވާ ކަމެއްތޯ ސުވާލު އުފައްދާ ކަމަށެވެ.

"އަދި އަހްމަދު ޒުހޫރު މިފަދަ ކަންކަމަށް ޝައްކު އުފައްދައި މިހާރު ވާހަކަ ދައްކާ އިރު، މަގާމުގެ މަސްއޫލިއްޔަތުގައި ދެމިހުންނެވިއިރު އެފަދަ ކަންކަން އެނގިހުރެ ބަލައި ތަހުގީގުނުކޮށް ދޫކޮށްލެއްވުމަކީ މިކުންފުނިން ނިހާޔަތަށް ކަންބޮޑުވާ ކަމެކެވެ. އަދި އެ ބާވަތުގެ އަމަލެއް އަހްމަދު ޒުހޫރު ހިންގާފައި ނުވުމަކީ ވެސް ކުންފުނި އުންމީދު ކުރާ ކަމެކެވެ..،" ސްޓެލްކޯގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ސްޓެލްކޯ އިން ބުނީ އެފަދަ އަމަލެއް ޒުހޫރު ހިންގާފައިވާ ނަމަ، އެކަމެއް ބަލައި އަޅަންޖެހޭ ފިޔަވަޅެއް ޒުހޫރުގެ މައްޗަށް އެޅުމުގައި ވެސް އެކުންފުނިން ފަސްނުޖެހޭނެ ކަމަށެވެ.