ކޮވިޑު ޖެހުނު އިތުރު މީހަކު މަރުވެ، މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 34 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ 90 އަހަރުގެ ދިވެހި ފިރިހެނަކު ރޭ 01:25 ގައި މަރުވެފައިވާ ކަމަށެވެ.
މިއީ ކޮވިޑް 19ގައި މިހާތަނަށް ރާއްޖޭގައި މަރުވި 34 ވަނަ މީހާ އެވެ. މިއަދުގެ މަރާއެކު މިމަހުގެ ތެރޭގައި މަރުވި މީހުންގެ އަދަދު ވަނީ ހަޔަކަށް އަރައިފަ އެވެ.
މިހާތަނަށް މި ބަލީގައި މަރުވެފަައިވަނީ 28 ދިވެހިންނާއި ހަ ބިދޭސީންނެވެ. މަރުވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ފަސް މީހަކާއި ފިލިޕީންސް މީހެކެވެ.
ކޮވިޑްގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިއަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓި ވި މީހުންގެ ޖުމުލަ އަދަދު ވަނީ 9724 އަށް އަރައިފައެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި 686 މީހަކު ތިބި އިރު، ހޮސްޕިޓަލުތަކުގައި 107 މީހަކު އެބަ ތިއްބެވެ. ރާއްޖޭގައި މިހާތަނަށް ބަލިން ރަނގަޅުވެފައިވަނީ 8261 މީހެކެވެ.