ދުނިޔެ

ވަކި އަތަކަށް ޖެހިފައި ތިބޭކަމުގެ ތުހުމަތުކޮށް އެމެރިކާ އާއި އިސްރާއިލް ޔުނެސްކޯއިން ވަކިވެއްޖެ

މުހައްމަދު އައުޒަމް

ވަކި އަތަކަށް ޖެހިފައި ތިބޭކަމުގެ ތުހުމަތުކޮށް އެމެރިކާ އާއި އިސްރާއިލް ޔުނެސްކޯއިން ވަކިވެއްޖެއެވެ.

އދގެ ތައުލީމާއި ސައިންސާއި ސަގާފަތާ ބެހޭ އެޖެންސީ ޔުނެސްކޯއިން ވަކިވެފައިވާކަން އެމެރިކާ އާއި އިސްރާއިލުން ވަނީ ރަސްމީކޮށް އިއުލާން ކޮށްފައެވެ.

އެމެރިކާއިން މިދިޔައަހަރުގެ އޮކްޓޫބަރުން ފެށިގެން ވަނީ ޔުނެސްކޯ އަކީ ވަކި ބައެއްގެ މަންފާއަށް މަސައްކަތްކުރާ ބަައެއްކަމަށް ބުނެ ވަކިވާން ޖެހިދާނެ ކަމުގެ އިންޒާރުވެސް ދީފައެވެ. އެމެރިކާއިން ވަނީ އެހެން ގައުމުތަކާއި އިސްރާއިލާ ދެމެދު ތަފާތުކުރުންތައް ޔުނެސްކޯއިން ގެންގުޅޭކަމަށް ބުނެ ފާޑުވެސް ކިޔައިފައެވެ.

ޔުނެސްކޯއިން ވަނީ އިސްރާއިލުން އަތްގަދަކޮށްފައިވާ ފަލަސްތީނުގެ ސަރަހައްދު ތަކުގައި ހުރި ހެރިޓޭޖް ސައިޓުތައް ފަލަސްތީނުގެ ތަންތަނުގެ ގޮތުގައި ޔުނެސްކޯގައި ރަޖިސްޓްރީ ކޮށްފައެވެ. އަދި ފަލަސްތީނަކީ ޔުނެސްކޯގެ ފުރިހަމަ މެންބަރެއްގެ ގޮތުގައި ބަލައިގެންފައެވެ.

އެމެރިކާ އަކީ ދެވަނަ ބޮޑުހަނގުރާމައަށް ފަހު ޔުނެސްކޯ އުފެއްދުމުގައި އެންމެ އިސް ރޯލެއް އަދާކުރި އެއް ގައުމެވެ. އެމެރިކާ ޔުނެސްކޯއިން ވަކިވުމުން މާލީގޮތުން ޔުނެސްކޯއަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާނެ ކަމަށް ވަނީ ބެލެވިފައެވެ.