އިންޑިއާގެ ސިފައިންގެ ދެ ފްލައިޓެއް މިއަދު ހެނދުނު ރާއްޖެ އަތުވެއްޖެ އެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ، މިއަދު ހެނދުނު 10:25 އެހާކަންހާއިރު އިންޑިއާގެ ސަވަޔަލެންސް ޑޯނިއޯ ދެ މަތިންދާ ބޯޓު ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައިވާ ކަމަށެވެ.
މި ފްލައިޓްތަކަކީ ރާއްޖޭގެ އެކްސްކުލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ބެލުމަށް އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާ ސިފައިންނާ ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނަކަށް އައި ދެ ފްލައިޓް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ، މި ފްލައިޓުތައް މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ހަރަކާތްތެރިވާނެ އެވެ.
މިއީ 2009 ވަނަ އަހަރުން ފެށިގެން އެމްއެންޑީއެފްގެ ކޯސްޓް ގާޑާއި އިންޑިއާ ނޭވީއާ ގުޅިގެން ސިލްސިލާ ގޮތެއްގައި ހިންގާ ޖޮއިންޓް އޭރިއަލް ސަވަޔަލެންސް ޕެޓްރޯލްގެ ބައެއް ކަމަށާއި އެ ޕެޓްރޯލްގެ ދަށުން މިދިޔަ ޖުލައި މަހުގެ ތެރޭގައި ވެސް އިންޑިއާ ސިފައިންގެ ޑޯނިއާ ފްލައިޓް ރާއްޖެ އައިސްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.