ވިޓްސީ 500 ބޭހުގެ އަގުގެ މައްސަލަ ޖެހިފައިވަނީ ކުރިން ބޭނުންކުރަމުން ނުދާ ކޯޑެއްގައި އެ ބޭސް ދޫކުރަން ފެށުމުން ދިމާވި މައްސަލައެއް ކަމަށާއި މިހާރު އެ މައްސަލަ ބަލައި އެ ބޭހުގެ އަގުގެ މައްސަލަ ހައްލުކޮށްފައިވާ ކަމަށް އާސަންދައިން ބުނެފިއެވެ.
ރާއްޖެއަށް އެތެރެކުރާ "ވިޓްސީ 500"ގެ ބޭސް ގުޅައެއް 66 ރުފިޔާގައި ވިއްކާތީ ސޯޝަލް މީޑިއާގައި އެކަމާ ހިތްހަމަނުޖެހުން ފާޅުކުރުމުން އޭޑީކޭ ފާމަސޫޓިކަލްސް ކުންފުނިން ބުނެފައިވަނީ އެ އަގަކީ އާސަންދަ ޕޯޓަލުން ކަނޑައަޅާފައިވާ އަގު ކަމަށެވެ.
އާސަންދައިން ބުނީ މިހާރު ދިމާވެގެން އުޅޭ ބޭހުގެ މައްސަލައަކީ އޭޑީކޭ ފާމަސޫޓިކަލްސް އިން ބަޔާންކޮށްދީފައިވާ ފަދައިން އެ ފާމަސީތަކުން ގެންގުޅޭ ލިސްމީ ބްރޭންޑުގެ ބޭސް ހުސްވުމުގެ ސަބަބުން ރައްޔިތުންނަށް ބޭސް ފޯރުކޮށްދިނުމަށްޓަކައި ކުރިން ބޭނުންކުރަމުން ނުދާ ކޯޑެއްގައި ވިޓްސީ 500 ބޭސްދޫކުރަން ފެށުމުން ދިމާވި މައްސަލައެއް ކަމަށެވެ.
"ނަމަވެސް މި މައްސަލަ ބަލައި މިހާރު ވަނީ ޕޯޓަލްގައި އަގު ރަނގަޅު ކުރެވިފައެވެ. މިފަދަ ކަމެއް އިތުރަށް ތަކުރާރު ވިޔަ ނުދިނުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް މި ކުންފުނީގެ ފަރާތުން އަޅާނޭ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވަމެވެ..،" އާސަންދައިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެއެވެ.
އާސަންދައިން ބުނީ ޕޯޓަލްގައި އަގު ހިމެނެނީ ދެ ފަރާތުގެ އެއްބަސްވުމާއެކު ކަމަށާއި މީގެ ކުރިން އޭޑީކޭ ފާމަސޫޓިކަލްސް އިން ޕޯޓަލްގައި އަގު ރަނގަޅު ނޫން ކަމަށް ފާހަގަކުރެވިއްޖެ ހިނދެއްގައި އެކަން އިސްލާހުކޮށްފައިވާ ކަމަށެވެ. ނަމަވެސް ވިޓްސީ 500 ބޭހުގެ އަގުގެ މައްސަލައެއް އޭޑީކޭ ފާމަސޫޓިކަލްސް އިން މިއަދާ ހަމައަށް އާސަންދައަށް ހުށަހަޅާފައިނުވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.