ރާއްޖޭގައި ހަރަކާތްތެރިވާ ގޭންގުތަކާއި ކޯޓުތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމަށް މަރުތައް ތަހުގީގުކުރުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން ބުނެފިއެވެ.
ރިޔާސީ ކޮމިޝަނުން ބަލަމުންދާ މަރުގެ މައްސަލަތަކާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވީ މަރުގެ މައްސަލަތަކާއި މާރާމާރީއާ ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކުގައި ދައުވާކުރެވޭ މީހުން ކޯޓުގެ ނިޒާމުގެ ތެރެއިން ދޫވެފައިތިބި ކަމަށާއި އެއީ ކޯޓުތެރޭގައި ހުރި މައްސަލަތަކެއް ކަމަށެވެ. އަދި އެފަދަ ކަންކަން ކުރުމުން ފަހުން ނުކުންނަ ނަތީޖާ މާ ގޯސްކަމަށް ވިދާޅުވިއެވެ.
އަދި މަރުގެ ބައެއް މައްސަލައިގެ ދައުވާ ކޯޓުގައި ތިބި އިދާރީ މުވައްޒަފުންނާއި ފަނޑިޔާރުންނާ ކޮންމެވެސް ވަރަކަށް ޝާމިލުވެގެން ސާބިތުނުކޮށް އެބަހުރި ކަމަށް ސުއޫދު ވިދާޅުވިއެވެ. ސުއޫދު ވިދާޅުވި ގޮތުގައި ގޭންގުތަކުގެ ބާރު ގަދަވެ ކޯޓުތަކަށް ފަނޑިޔާރުން އައްޔަންކުރުމުގައި ގޭންގުތަކުން ނުފޫޒު ފޯރުވާފައި އެބަ ހުއްޓެވެ.
އަދި ގޭންގުތަކުގެ ނުފޫޒު ބައެއް ފަނޑިޔާރުންގެ މައްޗަށް ފޯރުވާފައި އެބަހުރި ކަމަށާއި ޝަރީއަތަށް ހެކިން ހާޒިރުކޮށްފައި ތިއްބައި ހެކިންނަށް ގޭންގުތަކުން ނުފޫޒު ފޯރުވާފައި އެބަހުރި ކަމަށް ސުއޫދު ވިދާޅުވިއެވެ. އަދި ބަންދުގެ މުއްދަތު ޖަހަން ނުޖެހޭ މީހުން ބަންދުގެ މުއްދަތު ޖެހުމާއި މުއްދަތު ޖަހަންޖެހޭ މީހުން ނުޖެހުންފަދަ އިތުބާރު ގެއްލޭ ބާވަތުގެ ވަރަށް ގިނަ ކަންކަން ކޯޓުތަކުން ކޮށްފައިވާކަމަށް ވެސް ވިދާޅުވިއެވެ.
''މަރުގެ މައްސަލަތަކާ މާރާމާރީގެ މައްސަލަތަކުގައި ދައުވާކޮށްފައި ތިބި ބައެއް މީހުން ދޫވެފައި އެބަހުރި ކޯޓުތަކުގެ އިދާރީ މުވައްޒަފުންނާއި ފަނޑިޔާރުން ކޮންމެވެސް ވަރަކަށް ޝާމިލުވެގެން ސާބިތުނުކޮށް އެބަހުރި. ހެކިންނަށް ޝަރީއަތުގައި ގޭންގުތަކުން ނުފޫޒު ފޯރުވާފައި އެބަހުރި. ފަނޑިޔާރުން އައްޔަން ކުރުމުގައި ގޭންގުތަކުން ނުފޫޒު ފޯރުވާފައި އެބަހުރި. ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާފަ އެބަހުރި.'' ހުސްނުއްސުއޫދު ވިދާޅުވިއެވެ.
މީގެއިތުރުން ސުއޫދު ވިދާޅުވީ ފަނޑިޔާރުންގެ ސެކިއުރިޓީއަށް ގޭންގުތަކުން ހަރަކާތްތެރިވާ ކަމަށާއި ގޭންގުތަކުގެ މެދުގައިވެސް ކޯލިޝަން ހަދައި ސުލްހައިގެ އެއްބަސްވުންތައް ހަދާފައިވާ ކަމަށެވެ.
އޭގެ އިތުރުން ގޭންގުތަކާ ގުޅުން ހުރި މައްސަލަތައް ކުރިޔަށް ދާއިރު ބައެއް ސިއްރު ހެކިތައް ދޭ ފަރާތްތަކުގެ މައުލޫމާތު ގޭންގުތަކަށް ދިނުމާއި ކާކުކަން ދެނެގަތުމަށް ހެކިބަސްދޭ މީހާގެ މޫނުބަލާފައި އެބަހުރިކަމަށް ސުއޫދު ވިދާޅުވި އެވެ.
''ބައެއް ގޭންގުތަކަށް އޮވޭ ކޯޓާއެއް ލިބިފައި. ފަނޑިޔާރުން އައްޔަން ކުރުމުގައި ކްރިމިނަލް ކޯޓަށް މިވެނި ގޭންގަކުން ކޯޓާއެއް. ގޭންގުތަކުން ނޮމިނޭޓު ކުރާ ފަރާތްތަކުން ކޯޓުތަކަށް އައްޔަން ކުރުން. މިއީ ހިނގާފައި ހުރި ކަންތައްތައް." ސުއޫދު ވިދާޅުވިއެވެ.
މީގެއިތުރުން ސުއޫދު ވިދާޅުވީ ކޮމިޝަނުން ކިތަންމެ ރަގަޅަށް މައްސަލަތައް ތަހުގީގުކޮށްފައި ފޮނުވި ނަމަވެސް ކުރިމިނަލް ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުން ތިއްބަވައިގެން އިންސާފު ލިބޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.