ޝަހީދާ އަބްދުﷲ ސައީދު
ކުރިމިނަލް ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުން ތިއްބަވައިގެން އިންސާފު ލިބޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ގޮތް ނޭނގޭ މަރުތައް ތަހުގީގު ކުރުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން ބުނެފިއެވެ.
ގޮތް ނޭނގޭ މަރުގެ މައްސަލަތައް ތަހުގީގުކުރާ މައްސަލަތަކުގެ ތަފްސީލު މީޑިއާއަށް ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވީ ކޮމިޝަނުން އިންސާފުވެރި ތަހުގީގެއް ހިންގި ނަމަވެސް ޝަރުއީ ނިޒާމު އިސްލާހު ނުކުރާނަމަ އިންސާފު ލިބޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
އަދި ކުރިމިނަލް ކޯޓަށް އިތުބާރު ނުކުރައްވާކަން ފާހަގަކުރައްވައި ސުއޫދު ވިދާޅުވީ ޝަރުއީ މަރުހަލާގެ ތެރެއިން ލަސްނުކޮށް މައްސަލަތައް ކުރިއަށް ގެންގޮސްފިނަމަ އިންސާފު ލިބޭނެ ކަމަށެވެ.
އަދި ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތައް ތަހުގީގުކުރާއިރު މައްސަލަ ސާބިތު ކުރުމަށް ހެއްކާއި ގަރީނާ ހުރީ ކިހާމިންވަރަކަށްތޯ ބަލާނެ ކަމަށް ވިދާޅުވިއެވެ.
''މިވާހަކަ ނުދައްކަންވީ ސަބަބެއް ނެތް. ޖިނާއީ ކޯޓުގައި މިހުންނަ މައްސަލަަތައް. މިސާލަކަށް ދެ ބައެއްގެ ދޭތެރޭގައި ހިނގާ މާރާމާރީތައް އިނގޭތޯ، އެމައްސަލަ ޝަރުއީ މަރުހަލާގައި އޮއްވާ އެބައޮތް އައުޓްއޮފް ކޯޓު ސްޓޭޓްމަންޓް ހަދާފައި. ދެން ދެގޭންގް ގުޅިގެން ނިންމާލަނީ ދެން މިހާރު ހެކިބަސް ބަދަލުކޮށް އަލުން ގުޅުން ގޯސްވެފައި އޮތްވަރާއި ގުޅިގެން ދެގްރޫޕުގެ ހަމަނުޖެހުން ނިމުމަކަށް ގޮސް ދެން ސުލްހަވާން. ސުލްހަވާން މިކުރާ ކަމަކީ ދެފަރާތުން ގުޅިގެން ހެކިބަސް ބަދަލުކުރަނީ އޮއްބާލަނީ. ކޯޓުން ސާބިތުވަނީ އެ މައްސަލައިގައި ކުށް ސާބިތުނުވާ ކަމަށް,'' ހުސްނުއްސުއޫދު ވިދާޅުވިއެވެ.
ސުއޫދު ވިދާޅުވީ އޭގެ ސަބަބުން އަދުލުއިންސާފަށް ވާސިލުވުމަށް އޮތްމަގު ފޫވައްޓާލެވޭ ކަމަށެވެ. އަދި ސުއޫދު ވަނީ ގޭންގްތަކާ ފަނޑިޔާރުންނާ ގުޅުން އޮންނަ ކަމަށް ތުހުމަތުކުރައްވާ ވާހަކަ ދައްކަވައިފައެވެ.