ރާއްޖެއިން މެލޭޝިއާއަށް ދިޔަ މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީން ބުނީ، މިމަހުގެ 21 ވަނަ ދުވަހު ރާއްޖެއިން މެލޭޝިއާއަށް ދިޔަ މީހުންގެ ތެރެއިން މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން އެގައުމުގެ ހެލްތު މިނިސްޓްރީން ކަށަވަރުކޮށްދީފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު ތަފުސިީލެއް ދީފައެއް ނުވެއެވެ.
ޕޮޒިޓިވްވި މީހާގެ މައުލޫމާތު ރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އަށް ފޮނުވާފައިވާ ކަމަށްވެސް މެލޭޝިއާގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ އެގައުމުގައި ހުންނަ ދިވެހި އެމްބަސީން ބުނެފައިވެއެވެ.
ރާއްޖެއިން މެލޭޝިއާއަށް ދިޔަ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ އިރު، އެގައުމުގައި ކިޔަވާ ދިވެހި 50 ދަރިވަރަކު ވަނީ މިމަހުގެ 21 ގައި މެލޭޝިއާއަށް ގޮސްފައެވެ.
މީގެ ކުރިންވެސް މެލޭޝިއާގައި ދިރިއުޅޭ ދިވެއްސަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.
ގިނަ އަދަދެއްގެ ދިވެހިން ތައުލީމު ހާސިލުކުރުމަށާއި އެނޫންވެސް ބޭނުންތަކުގައި ދިރިއުޅޭ މެލޭޝިއާގައި 9200 އަށްވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
މެލޭޝިއާއަށް ދާ މީހުން 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަންޖެހެއެވެ. އަދި ކަރަންޓީންގެ ހަރަދުތައް ކުރަން ޖެހެނީ އަމިއްލައަށެވެ.