މުހައްމަދު އައުޒަމް
އަންނަ މަހުން ފެށިގެން ފަތުރުވެރިންނަށް ޕުކެޓް ހުޅުވާލުމަށް ތައިލެންޑުން ނިންމައިފިއެވެ.
ތައިލެންޑަށް ދަތުރުކުރާ ފަތުރުވެރިންގެ މެދުގައި މަގުބޫލު ޕުކެޓަށް އަންނަ މަހުގެ އެކަކުން ފެށިގެން ފަތުރުވެރިންނަށް ދެވޭއިރު ކޮންމެ ފަތުރުވެރިޔަކުވެސް މަދުވެގެން 30 ދުވަހު އެރަށުގައި ޗުއްޓީ ހޭދަކުރަން ޖެހޭނެކަމަށް ތައިލެންޑުގެ ސަރުކާރާ ހަވާލާދީ އެގައުމުގެ ނޫސްތަކުން ބުނެއެވެ.
30 ދުވަހުގެ ތެރެއިން ފުރަތަމަ 14 ދުވަހު ފަތުރުވެރިން ތިބެން ޖެހޭނީ ކަރަންޓީނުގައި ކަމަށް ޓުއަރިޒަމް އޮތޯރިޓީ އޮފް ތައިލެންޑުން ބުނެއެވެ.
ތައިލެންޑުން ފުރަތަމަ މަސައްކަތް ކޮށްފައިވަނީ ޓްރެވަލް ބަބްލް ހަދައި އެހެން ގައުމުތަކާ ގުޅިގެން ފަތުރުވެރިން އެތެރެކުރުމަށެވެ. ނަމަވެސް އޭޝިޔާ ސަރަހައްދުގައި ކޮވިޑްގެ ކޭސްތައް އިތުރުވެފައި ވުމާއެކު ތައިލެންޑުގެ ސަރުކާރުން އެމަސައްކަތް ހުއްޓާލާފައި ވާކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓު ކޮށްފައި ވެއެވެ.
ތައިލެންޑުން ކޮވިޑް ނައްތައިލުމަށް ހަރުކަށި ގިނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު އެގައުމުން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވި ކަމަށް ރިޕޯޓުކޮށްފައި ވަނީ 3300 މީހުންނެވެ.