ކޮވިޑު ޖެހުނު އިތުރު މީހަކު މަރުވެ، މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 26 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް 16ގައި އެޑްމިޓްކޮށްފައިވާ 62 އަހަރުގެ ބަންގުލަދޭޝް ފިރިހެނަކު މިރޭ 8:02 ހާއިރު މަރުވެފައިވާ ކަމަށެވެ.
އެމީހާއަކީ މިމަހުގެ 16ގައި ކޮވިޑަށް ޕޮޒިޓިވްވި މީހެއް ކަމަށާއި މިއީ ކޮވިޑް 19ގައި މިހާތަނަށް ރާއްޖޭގައި މަރުވި 26 ވަނަ މީހާކަމަށް އެޗްޕީއޭއިން ބުނެއެވެ.
މިހާތަނަށް މި ބަލީގައި މަރުވެފަައިވަނީ 20 ދިވެހިންނާއި ހަ ބިދޭސީންނެވެ. މަރުވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ފަސް މީހަކާއި ފިލިޕީންސް މީހެކެވެ.
މިމަހު އެކަނިވެސް ކޮވިޑް ބަލީގައި ޖުމުލަ ދިހަ މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ނުވަ ދިވެއްސަކާއި ބަންގުލަދޭޝްގެ މީހެކެވެ. އޭގެ ތެރޭގައި ރޭ މެންދަމު 1:28ގައި ނިޔާވި ލެފްޓިނެންޓް ކާނަލް (ރިޓަޔާޑް) ޢަބްދުލް ޣަނީީ ހިމެނެއެވެ. ޣަނީ ނިޔާވި އިރު، އުމުރަކީ 82 އަހަރެވެ.
ކޮވިޑްގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިއަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވި މީހުންގެ ޖުމުލަ އަދަދު ވަނީ 6564 އަށް އަރައިފައެވެ. މިހާރު ބައްޔަށް ފަރުވާ ހޯދަމުން އަންނަ 2527 މީހުންގެ ތެރެއިން 166 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުތަކުންނެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވެފައިވަނީ 4012 މީހެކެވެ.