ހަތް އަތޮޅެއް ފިޔަވައި ރާއްޖޭގެ ހުރިހާ އަތޮޅަކަށް ކޮވިޑް-19 ފެތުރިއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިވަގުތު މާލެ ފިޔަވައި 22 ރަށެއްގައި ކޮވިޑް ޖެހިފައިވާ މީހުން އެބަ ތިއްބެވެ. އެއީ 13 އަތޮޅަކުންނެވެ. މި ކޭސްތަކުގެ ތެރެއިން ގިނަ ކޭސް ފެނިފައިވަނީ ރަށަށް ގޮސް ހޯމް ކަރަންޓީނުގައި ތިބި މީހުންގެ ފަރާތުންނެވެ.
މިއަދު މެންދުރުގެ ނިޔަލަށް މާލެ ފިޔަވައި ރަށްރަށުން ކޮވިޑް ޖެހިފައިވާ މީހުން ތިބި ރަށްތައް:
މި މައުލޫމާތަށް ބަލާއިރު މިވަގުތު ކޮވިޑް ޖެހިފައިވާ މީހަކު ނެތީ މާލެއިން އުތުރުން ށ. އަތޮޅުގައި އެކަންޏެވެ. އަދި ދެކުނު މާލެއިން
ދެކުނުން އއ.، މ.، އަދި ދ. އަތޮޅުގެ އިތުރުން ލ.، ގއ. އަދި ގދ. އިން ވެސް ކޮވިޑް ޖެހިފައިވާ މީހަކު އަދި ފެނިފައެއް ނުވެ އެވެ.
މާލޭގައި ކޮވިޑް ކޭސްތައް އިތުރުވަމުން އަންނައިރު، މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން ބަލިޖެހިފައިވާ މީހުން ތިބި ރަށްތަކުގެ މައުލޫމާތު އެޗްޕީއޭ އިން އަންނަނީ އާންމު ކުރަމުންނެވެ. އެގޮތުން އެ މައުލޫމާތު އާންމުކުރަން ފެށި ދުވަހަށްވުރެ މިހާރު ބަލިޖެހިފައިވާ މީހުން ތިބި ރަށްތައް ވަނީ ދެ ގުނަ އިތުރުވެފަ އެވެ.
މާލެއިން ކޮވިޑް ކޭހެއް ފެނުނު ދުވަހު މުޅި މާލެ ސަރަހައްދު ލޮކްޑައުން ކުރި ނަމަވެސް އޭގެ މަހެއްހާ ދުވަސް ފަހުން ރަށްރަށުން މާލެ އައިސް، މާލޭގައި ތާށިވެފައި ތިބި މީހުން ރަށްރަށަށް ފޮނުވަން ވަނީ ފަށައިފަ އެވެ. އަދި ފަހުން ރަށަށް ގޮސް ހޯމް ކަރަންޓީނު ވުމުގެ އުސޫލެއް ގާއިމްކޮށް، މިފަހަކާ ޖެހެންދެން ރަށަށް ދާން ބޭނުންވާ އެންމެންނަށް އެ ފުރުސަތު ދިނެވެ.
ނަތީޖާއަކަށް ވީ މަދުން ނަމަވެސް އަތޮޅު ތެރެއިން ކޮވިޑް ކޭސްތަކެއް ފެންނަން ފެށުމެވެ. އެއާ ގުޅިގެން ހޯމް ކަރަންޓީނަށް މާލެ އިން އެހެން ރަށްރަށަށް ދެވޭ އުސޫލު އެޗްޕީއޭ އިން ވަނީ ވަރުގަދަކޮށްފަ އެވެ.
އެގޮތުން "ހާލުބެލުން" ޕޯޓަލްގައި ރަޖިސްޓަރީ ވެ، ހޯމް ކަރަންޓީނަށް މިހާރު ދެވޭނީ ފަސް ކެޓަގަރީއަކަށް ފެތޭ މީހުންނަށް އެކަންޏެވެ. އެއީ މެޑިކަލް އިމަޖެންސީއެއްގައި ޑޮކްޓަރަށް ދެއްކުމަށް މާލެ އައިސް ތިބޭ މީހުންނާއި މާލޭގައި ދިރިއުޅޭ ތަން ދޫކޮށްލަން ޖެހޭ މީހުންނާއި ރަސްމީ ބޭނުމަކަށް މާލެ އައިސް ރަށަށް ދާން ބޭނުންވާ މީހުންނާއި ވަޒީފާ ގެއްލިގެން ނުވަތަ ވަޒީފާ ރަށަށް ބަދަލުވާ މީހުން އަދި ޝަރުއީ ކޯޓަކަށް ހާޒިރުވާން ޖެހޭ މީހުންނެވެ.