ޝަހީދާ އަބްދުﷲ ސައީދު
ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހުގެ ނަމުގައި ކޮށްފައިވާ ފޭކް ޓުވީޓެއްގެ ސަބަބުން ޕީޕީއެމްގެ އާންމު މެންބަރުން ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށް ފަލާހު ވިދާޅުވެއްޖެއެވެ.
ސިޔާސީ މައިދާނުން ފެނުނު އެންމެ އުންމީދީ ލީޑަރަކީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ކަމަށް ބުނެ ފޭކް އެކައުންޓަކުން ކޮށްފައިވާ ޓުވީޓާ ގުޅިގެން ''ވަންއޮންލައިން'' އަށް މައުލޫމާތުދެއްވަމުން ފަލާހު ވިދާޅުވީ ޓުވީޓުގެ ސަބަބުން ޕީޕީއެމްގެ ވަރަށް ގިނަ މެންބަރުން ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށެވެ.
ފަލާހު ވިދާޅުވީ އެ މައްސަލައިގައި ޕީޕީއެމްގެ ސަޕޯޓަރުން އޭނާއަށް ގުޅަމުންދާ ކަމަށާއި ބައެއް މެންބަރުން އެކަމާ ހިތްހަމަނުޖެހިފައިވާ ކަމަށެވެ.
''އަޅުގަނޑުގެ ނަމުގައި ތިން ހަތަރު ފޭކް އެކައުންޓްތައް ހަދައިގެން އުޅެނީ. ފޭކް އެކައުންޓަކުން މިއަދު ޓުވީޓެއްކޮށްގެން އެކަމާ ޕާޓީތެރޭގައި ވެސް މެންބަރުންގެ ތެރޭގައި ވެސް ކަންބޮޑުވުން އެބަހުރި. މެންބަރުންތައް ތިބީ ވަރަށް ކަންބޮޑުވެފައި.'' ފަލާހު ވިދާޅުވިއެވެ.
ރައީސް ޔާމީންގެ އަރިސް ބޭފުޅެއްގެ ގޮތުގައި ޕީޕީއެމްގައި މަސައްކަތްކުރައްވަމުން ގެންދަވާ ފަލާހަކީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ޕްރައިމަރީއަކާ ނުލައި ޕާޓީގެ ޓިކެޓް ދެއްވި މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މެންބަރެކެވެ.
ފަލާހު ވިދާޅުވީ އޭނާގެ ސިޔާސީ ވިސްނުން ބަދަލުނުވާ ކަމަށާއި އޭނާއަކީ ރައީސް ޔާމީނުގެ ސިޔާސަތަށް ތާއީދުކުރައްވާ އިޚުލާސްތެރި މެންބަރެއް ކަމަށެވެ.