ރައްޔިތުންގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ޕީއެންސީ ޕާލިމެންޓްރީ ގްރޫޕު (ޕީޖީ)ގެ ވަޓްސްއެޕް ގްރޫޕުން މިއަދު ބޭރުކޮށްފިއެވެ.
'ވަން' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީއެންސީގެ މަޖިލިސް މެންބަރުން މުއާމަލާތް ކުރުމަށް ބޭނުންކުރާ އެ ގްރޫޕުން އަޒާން ބޭރުކުރީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. އެ ގުރޫޕުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް އިންނަވާ ކަމަށް މައުލޫމާތު ލިބެއެވެ.
ޕީއެންސީ ޕީޖީގެ ވަޓްސްއެޕް ގްރޫޕުން އަޒާން ބޭރުކޮށްލި އިރު, ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ބަލައިގަތުމަށް ވޯޓު ނުދެއްވި މެންބަރުންނަށް ފިޔަވަޅު އަޅާނެ ކަމަށް އެ ޕާޓީގެ ޕީޖީ ލީޑަރު, އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވަނީ ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގައި އެ ބިލު ބަލައިގަތުމަށް ނެގި ވޯޓުގައި ޕީއެންސީގެ 10 މެންބަރަކު ބައިވެރިވެވަޑައިނުގަންނަވައެވެ. އޭގެ ތެރެއިން ޖަލްސާއަށް ހާޒިރުވި މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިނުވީ ދެ މެންބަރުންގެ ތެރޭގައި އަޒާން ހިމެނިވަޑައިގަންނަވައެވެ. އަނެއް އަށް މެންބަރުން ތިއްބެވީ ފަލާހު ވިދާޅުވި ގޮތުގައި ރަށުން ބޭރުގައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމުގެ ގޮތުން "ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު" އަށް އިސްލާހު ގެނައުމުގެ ބިލް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ، ޕީއެންސީގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާ އިން އެ ބިލު ބަލައިގަނެ ދިރާސާ ކުރަން ޖުޑީޝަރީ ކޮމިޓީއަށް ފޮނުވި އިރު، މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި އެ ބިލުގެ ރިޕޯޓު ވަނީ ފާސްކޮށްފައެވެ. ބިލާ ދެކޮޅަށް ވޯޓު ދެއްވީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރާއި އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްއެވެ. އަދި ހުރާ ދާއިރާގެ ޕީއެންސީ މެންބަރު ޑރ. އަނާރާ ނައީމް ވަކި ގޮތަކަށް ވޯޓެއް ނުދެއްވައެވެ.