ޚަބަރު

އަބްދުއްރަހީމާއި ފަލާހުއާ ރައީސް ބައްދަލުކުރައްވައިފި

ރައްޔިތުންގެ މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހުއާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަބްދުއްރަހީމާއި ފަލާހާއެކު ރައީސް އެ ބައްދަލުކުރެއްވުން ބާއްވަވާފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.

އެ ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ މި ފެށުނު ދައުރުގައި ސަރުކާރުގެ ފަރާތުން ފޮނުއްވަން ހުރި ބިލުތަކާ މެދު މަޝްވަރާކުރެއްވި ކަމަށް ހީނާ ވިދާޅުވިއެވެ.

"މި ބައްދަލުކުރެއްވުމަކީ، މިދިޔަ އަހަރުވެސް ކޮންމެ ދައުރެއްގެ ކުރީކޮޅު ކުރިއަށް ގެންދަވާފައިވާ ފަދަ މަޝްވަރާ ބައްދަލުވުމެއް،" އޭނާ ވިދާޅުވިއެވެ.

އަބްދުއްރަހީމްއާ ރައީސް ބައްދަލުކުރައްވާފައި މިވަނީ، އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހިމް ފައިސަލް ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުން ވަކިކުރެއްވުމާ ގުޅިގެން ރައީސާއި އަބްދުއްރަހީމްއާ ދެމެދު ނުތަނަވަސްކަމެއް އުޅޭ ކަމަށް ބައެއް ފަރާތްތަކުން ވާހަކަތައް ދައްކަމުންދާ ދުވަސްވަރެއްގައެވެ.